Last Updated: August 15, 00:29
Thursday, August 14, 2025
ޚަބަރު

މިހާތަނަށް 503 ހަތީބުން ތަމްރީނުކޮށްފި

ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ޕްރޮގުރާމު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން ސަނަދު ޙާސިލްކޮށްފި އެވެ.

މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ޚާސިލްކުރި ޚަޠީބުންނަށް ސަނަދު ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް އެވެ.

މިއާއެކު ޒުވާން ޚަަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފަ އެވެ. ހަޠީބުން ތަމްރީން ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފަ އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީނު ކުރުމެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.