ޙަސަދަވެރިކަމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރެވިގެންވާ ސިފައެކެވެ. އަދި އެކަމާ ބެހޭ ގޮތުން ވަޢީދުގެ އެތައް އާޔަތްތަކާއި ޙަދީޘްތައް އައިސްފައިވެ އެވެ. އަދި އެނުބައި ސިފައިން ދުރުހެލިވެގަތުމުގައި ﷲގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަތުމަށް ވެސް އެއިލާހު، އަހަރެމެންނަށް އަންގަވާފައިވެއެވެ. އެގޮތުން އެ އިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ. (وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ) މާނައީ: “އަދި ޙަސަދަވެރި ވާހިނދު، އޭނާގެވެސް ނުބައިކަމުންނެވެ. (އެބަހީ އެހިނދު ޙަސަދަވެރިންގެ ހަސަދައިން ރައްކާތެރިކަން ލިބިގަތުމަށް އެދޭށެވެ.)
ޙަސަދަވެރިކަމަކީ ﷲ ތަޢާލާ ހެއްދެވި އެންމެނުބައި އަޅުންގެ ސިފައެކެވެ. އެބައި މީހުންނަކީ ނަބީބޭކަލުންގެ ދޫފުޅުތަކުން ލަޢުނަތް ލިބިގެންވާ މީހުންނެވެ. އަދި ﷲތަޢާލާގެ ރިސާލަތު ދޮގުކޮށް ނަބީބޭކަލުން ގަތުލުކުރުމުގެ ސަބަބުން ދެދުނިޔޭގެ އަބާއްޖަވެރިކަން ލިބިގެންވާ ބައެކެވެ. އާދެ، އެއީ ޔަހޫދީންނެވެ. ޙަސަދަވެރިކަމަކީ އެބައިމީހުންގެ ސިފައެއްކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެ އެވެ. (أَمْ يَحْسُدُونَ النَّاسَ عَلَى مَا آتَاهُمُ اللَّهُ مِنْ فَضْلِهِ) މާނައީ: “ނުވަތަ ﷲގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެ އިލާހު މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާއިމެދު އެބައިމީހުން (ޔަހޫދީން) މީސްތަކުންނަށް ޙަސަދަވެރި ވަނީ ހެއްޔެވެ؟”
ޙަސަދަވެރިވުމުގައި މީސްތަކުން ތިންބަޔަކަށް ބެހިގެން ވެއެވެ. އެންމެ ފުރަތަމަ ބަޔަކީ، އެހެންމީހުންނަށް ލިބިފައިވާ ނިޢުމަތްތަކުން އެބައިމީހުން މަޙްރޫމް ކުރުމަށް ޢަމަލާއި ބަހުން މަސައްކަތްކޮށް ހަމަ އެއާއިއެކު އެނިޢުމަތް ތިމާއަށް ލިބުމަށް އެދޭމީހުންނެވެ. ދެވަނަ ބަޔަކީ، އެހެން މީހުންނަށް ލިބިފައިވާ ނިޢުމަތްތައް ނެތިދިއުމަށް އެދުމެވެ.
އެހެން ނަމަވެސް މިބައިމީހުން، ތިމާއަށް ނިޢުމަތްތައް ލިބުމަކަށް ނޭދޭނެ އެވެ. މި ދެ ބަޔަކީ ޙަސަދައިގެ އެންމެ ނުބައި ދެވައްތަރެވެ. އަދި މިއީ ޝަރްޢުގައި ނަހީވެގެންވާ ދެވައްތަރުވެސްމެ އެވެ. ޝައިޠާނާ ވެސް ކުރީ މި ފާފަ އެވެ. ޙަސަދަވެރިވާ މީހުންގެ ތިންވަނަ ބަޔަކީ، ތިމާގެ އަޚާގެ ނިޢުމަތްތައް ފެނި އެ ނިޢުމަތްތައް ނެތިދިއުމަށް އެދުމަކާއި ނުލައި، ތިމާއަށް އެފަދަ ނިޢުމަތެއް ލިބުމަށް އެދުމެވެ.
ޙަސަދައިން ތިމާގެ ނަފްސު ސަލާމަތްކުރަން ކުރެވިދާނެ ކަންކަން:
* ﷲ ތަޢާލާގެ ޙަޟްރަތުން އެކަމުން ރައްކާތެރިކަމަށް އެދުން.
* ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ތަޤުވާވެރިވުން. އެ އިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ. (وَإِنْ تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا) މާނައީ: “އަދި ތިޔަބައިމީހުން ކެތްކޮށް ތަޤުވާވެރިވާނަމަ އެމީހުންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.”
* ﷲ ތަޢާލާ އަށް ފުރިހަމަ ގޮތުގައި ތަވައްކުލު ކުރުން.
* މީހުންނަށް އިޙްސާންތެރިވުމާއި ޞަދަޤާތްކުރުން. އެހެނީ މިކަމަކީ ޙަސަދަވެރިންގެ ނުބައިކަމުންނާއި އެސްފީނާއިން ސަލާމަތްވުމަށް އޮތް މަގެކެވެ.
* ތިމާ އަށް ޙަސަދަވެރިވާ މީހާއަށް އިޙްސާންތެރިވުން.
ދުޢާ އަކީ، އަޅުގަނޑުމެން އެންމެންނަކީ ވެސް ﷲތަޢާލާގެ ވާފަށުގައި ފުރިހަމަ ގޮތުގައި ހިފަހައްޓައިގެން ތިބޭ ބައެއް ކަމުގައި ލެއްވުމެވެ.
މަސްދަރު: އިލްމު. އެމްވީ