މި ސަރުކާރުގެ ސިޔާސަތަކީ ކިތަންމެ ކުޑަ ރަށެއްގައި ވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ، އިޚުލާޞްތެރިކަމާއެކު، އެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ޢަޒުމު ކަނޑައަޅުއްވައިގެން ވެ ވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތްތައް ކަށަވަރުކޮށްދެއްވުމުގައި، ރަށެއްގެ ކުޑަބޮޑުމިނުގެ ސަބަބުން އިސްތިސްނާ ކުރެއްވުމެއް ނެތި، ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.
ފެހެންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްވައި، ހުއްޓިފައިވާ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުތައް ބާރު ދުވެލީގައި ނިންމަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި ފެހެންދޫ ސްކޫލްގައި، މެދު މަދަރުސީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭނޭ ޓީޗަރުން ހޯދުމަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވާނޭ ކަމަށާއި އެގޮތުން ފެހެންދޫގައި ޤާއިމުވެ ތިބޭނޭ ޓީޗަރުން ނުލިބިއްޖެނަމަ، އަލުން ޓީޗަރުން ތަމްރީންކުރައްވައިގެންވެސް މައްސަލަ ޙައްލުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނޭކަމަށާއި، ފުލް ސައިޒް ފުޓުބޯލަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމަށް ރައީސް ވިދާޅުވި އެވެ.
ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަކީ ޚަރަދު ބޮޑު މަސައްކަތަކަށް ވުމާއެކު، ޖެޓީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ އަށް ޙައްލު ހޯއްދެވުން ކުރިއަށްގެންދަވާނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.