ސަރުކާރުން އުޅެނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބާރެއް ނެތް ތަނަކަށް ހަދަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އީޕީއޭގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށް، އެ އިދާރާ، ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އީޕީއޭއަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކަކީ އީޕީއޭގެ ބެލުމުގެ ދަށުން ކަންކަން ކުރުން އެއްކިބާކޮށް، އީޕީއޭއަކީ ބާރެއް ނެތް މުއައްސަސާއަކަށް ހެދުން ކަމަށާއި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މިއީ ސަރުކާރުން ކަންކަން ކުރާ ގޮތް ބެލުމުގެ ޒިންމާ އަދާކުރާ އަދި ގަވާއިދުތައް ތަންފީޒުކުރާ މުއައްސަސާތައް ނައްތާލައި، ޑިމޮކްރަސީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ހުރި ފިޔަވަޅުތައް ނިކަމެތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
އަދި މިފަދަ ޢަމަލުތަކުން ރާއްޖޭގެ ނާޒުކު ތިމާވެށި އިތުރު ނުރައްކަލަކަށް ހުށަހެޅި، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ މި ބަދަލު ގެނެސްފައިވަނީ އީޕީއޭ އިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.
އީޕީއޭ އުފެއްދީ ރިޔާސީ ގަރާރަކުން 2008 ވަނަ އަހަރެވެ.