Last Updated: August 15, 23:02
Friday, August 15, 2025
ޚަބަރު

ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުން

ރަށްރަށަށް ދަތުރުތައް ކުރުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށް ގެންދިޔުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުން ގާތަށް އައިސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

"މި ދަތުރު އައުމުގެ ބޭނުމަކީ، ރައްޔިތުން ގާތަށް އައިސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތުދީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.

މިވަގުތު ފުޅަދޫއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ފެނާއި ނަރުދަމާގެ މައްސަލަ އެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަހަށް ނިމުމަކީ އާންމު ދިރިއުޅުމާއި ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއ ެވެ. އެގޮތުން މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފަށައި، ބޮޑު އިސްކަމެއް ދެއްވައިގެން ބާރު ދުވެލީގައި އެމަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފަ އެވެ.

މީގެ އިތުރުންވެސް ބ. ފުޅަދޫގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަށުގައި އެކިއެކި ޚިދުމަތްތައް ދިނުމަށް ގެނެވޭ މުވައްޒަފުން ބޭތިއްބުމުގައި ދަތިތަކެއް ހުރިކަމަށާ، މި ދަތިތައް ފިލުވާލުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ. އެ މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށާ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މިމަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ބ. ފުޅަދޫގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްވެސް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ. އެގޮތުން ޞިއްޙީ މަރުކަޒަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ދިނުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރަށުގެ ތަރައްޤީގައި މިވަގުތު އެންމެ ބޮޑު ޙިއްޞާއެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައިކަން ފާހަގަކުރައްވައި ރައީސް ވަނީ، ބ. އިންނަފުށި ބެލެހެއްޓުން ހަރުދަނާކޮށް، ފުޅަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާ ދެމެދު، ރަނގަޅު ފެންވަރުގެ މެނޭޖްމަންޓް ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް، ފުޅަދޫގެ ކައުންސިލާ ބ. އިންނަފުށި ހަވާލުކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.