Last Updated: August 23, 06:48
Saturday, August 23, 2025
ޚަބަރު

ޒަކާތު ސްކޮލަޝިޕް ހަވާލު ކުރުން ހޮނިހިރުގައި

ޒަކާތު ސްކޮލަޝިޕް ހަވާލު ކުރުމުގެ ރަސްމުއްޔާތު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ޒަކާތު ފަންޑުން ދޭ މިސްކޮލަޝިޕް ދެނީ މިކަން މެދުކެނޑިފަ އޮންނާތާ 7 އަހަރު ފަހުން ކަމަށާއި މި ފަހަރު ސްކޮލަރޝިޕް ދެވެނީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް ކަމަށެވެ.

"މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލަޝިޕް ދެވޭ ފުރަތަމަ ފަހަރު." މިނިސްޓަރު ވިދާޅުވި އެވެ.

ޒަކާތު ފަންޑުން 50 ސްކޮލަަޝިޕް ފުރުސަތަށް ހުޅުވައިލީ މިދިޔަ މެއި އެޕްރީލް މަހުގެ ތެރޭގަ އެވެ. މި ސްކޮލަޝިޕްތައް ދެނީ ދެ ބެޗަކަށް ބަހައިގެންނެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައި މެއި މަހުގެ 15 އަށް މުއްދަތު ހަމަވި އިރު، 29 ފަރާތުން ސްކޮލަޝިޕްތަކަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަތީ ތަޢުލީމަށް ދޭ ސްކޮލަޝިޕަށް ކުރިމަތިލި 18 މީހަކާއި ހާއްސަ ސްކޮލަޝިޕަށް ކުރިމަތިލި 11 މީހެކެވެ.

ޒަކާތު ފަންޑުން ހުޅުވާލި 50 ފުރުސަތުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ކިޔަވަން ދޭ 20 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔަވަންދޭ 30 ފުރުސަތެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލު ކުރުމަށްދޭ ޚާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ.

ރާއްޖޭގައި ކިޔަވަން ފުރުސަތު ހުޅުވާލާފައި ވަނީ ގައުމީ ޔުނިވާސިޓީން އާއި އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ.