ދިވެހި ޒުވާނުންގެ ގައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
ސެިޔާސަތަށް ބޭނުންވާ މައިގަނޑު ފްރޭމްވޯކް ހެދުމުގެ މަސައްކަތް، ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ހަވާލުކޮށްފައި ވަނނީ އިސްލާމިކް ޔުނިވަސިޓީއާ އެވެ.
އެކަމުގެ އެއްބަސްވުމުގައި ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޓީގެ ނައިބު ރައީސް ފާތިމަތު ނަޒާހާ ނަޒީމެވެ. ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އައިމިނަތު ޝާފިޔާ އާދަމެވެ.
ޒުވާނުންގެ ސިޔާސަތާ ގުޅޭ ގޮތުން، ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރު ޙުސައިން ޢަރުބާން ފަވާޒު ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީން ފްރޭމްވޯކް އެކުލަވައިލާ އިރު، ޒުވާނުންނާ ގުޅޭ ގޮތުން ކުރިން ހަދާފައިވާ ދިރާސާތަކަށް އަލިއަޅުވާލައި ކުރީގެ ދިރާސާތަކުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ދީފައިހުރި އިރުޝާދުތައް އެއް ކަރުދާސް ކުރެވޭނެ ކަމަށެވެ.
ޒުވާނުންގެ ކަންކަމުގައި ލަފާއެރުވުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާ ދޭ ކޮމިޓީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލީ މިދިޔަ އަހަރުގެ އޮގަސްޓް 12 ގަ އެވެ.
މީގެ މައިގަނޑު މަގުސަދަކީ ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި މަޝްވަރާ އާއި ނިންމުންތައް ނިންމާ އިރު ޒުވާނުން ދެކޭ ގޮތް ހާމަކުރެވޭނެ ގޮތް ފަހިކޮށް އެ މީހުންނަށް ކުރިމަތިވާ މައްސަލަތަކާއޮ ގޮންޖެހުންތަކަށް ހައްލުތަކެއް ހޯދުމެވެ.