Last Updated: August 15, 23:23
Friday, August 15, 2025
މުނިފޫހިފިލުވުން

ސޮނާކްޝީގެ ތެލެގޫ ފިލްމުގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ފުރަތަމަ ތެލެގޫ ފިލްމު "ޖަތަރާދާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ހިންދީ ބަހުން ވެސް ޑަބްކޮށްގެން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ހުރާފީ ބިރުވެރި ފިލްމެކެވެ. ސޮނާކްޝީ އެންމެ ފަހުން ވެސް ފެނިފައި ވަނީ ބިރުވެރި ފިލްމަކުންނެވެ. އެއީ އޭނަގެ ބޭބެ ކުޝް ސިންޖާ ޑައިރެކްޓްކޮށް މިދިޔަ މަހު ގެނެސްދިން "ނިކިތާ ރޯއި" އެވެ.

ސޮނާކްޝީ ކުރިން ހޮރޯ-ކޮމެޑީއެއް ވެސް ކުޅެފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ "ކަކްޑާ" އެވެ.

ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ޖަތަދާރާ" ގެ ބަތަލަކީ ޓައިގާ ޝްރޮފްގެ "ބާގީ" ފްރެންޗައިޒްގެ ފުރަތަމަ ބައިގެ ވިލަންގެ ރޯލު ކުޅުނު މަޝްހޫރު ތެލެގޫ އެކްޓަރު ސުދީރް ބާބޫ އެވެ.

އަބީޝެކް ޖައިސްވާލާއި ވެންކަޓް ކަލިއަން ޑައިރެކްޓްކޮށްފައިވާ "ޖަތަރާތާ" އިން ބޮލީވުޑްގެ ކުރީގެ ބަތަލާ ޝިލްޕާ ޝިރޯދްކަރް ވެސް ފެންނާނެ އެވެ. މި އަހަރުގެ ކުރީކޮޅު ނިންމައިލި ކަލާސް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 18 ގައި ވެސް އޭނަ ވާދަކޮށްފައިވެ އެވެ.