ބ. ތުޅާދޫގައި ކަލްޗްރަލް ސެންޓަރެއް ހަދަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ލިޔެލާ ޖެހުން ފަދަ އަތްތެރި މަސައްކަތަށް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ތުޅާދޫ ކަލްޗްރަލް ސެންޓަރު ހަދަން އިކޮނޮމިކް މިނިސްޓްރީން އިއްޔެ ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ޝިޔާޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ އެވެ.
ކަލްޗްރަލް ސެންޓަރު ހަދަން އެމްޓީސީއާ ހަވާލުކުރީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 24.4 މިލިއަން ރުފިޔާއަށެވެ. ދެ ބުރިއަށް އިމާރާތްކުރާ ސެންޓަރުގައި ކެފޭއެއްގެ އިތުރުން ހިތްފަސޭހަކޮށްލަން ހާއްސަ ބައެއް ވެސް ހުންނާނެ އެވެ.