Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބު 26 ނޮވެމްބަރ ގައި

އައްޑޫ ސިޓީ ގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތި ލުމަށް އިއުލާން ކުރުމުން މުއްދަތު ހަމަވި އިރު ހުޅުދޫ ފިޔަވައި އެހެން ހުރިހައި ދާއިރާތަކަށް ބޭކަނބަލުން ކުރިމަތި ލައްވާފައި ވެއެވެ. ހިތަދޫގެ ތިން ދާއިރާ އަށާއި ފޭދޫ ދާއިރާ އަށް، ކޮންމެ ދާއިރާ އަކަށް އެއްމެ ފަރާތަކުން ކުރިމަތި ލެއްވުމުން އެދާއިރާ ތަކުގެ އިންތިޚާބެއް ބާއްވާކަށް ނުޖެހެއެވެ.

މަރަދޫ ދާއިރާ އަށް ކުރިމަތި ލެއްވީ ދެ ފަރާތަކުންނެވެ. އެއީ މަރަދޫ ސަބާހީމަންޒިލް، ޝެހެނާޒު ރަޝީދު އާއި މަރަދޫ މަހިނޫރު ޝަފުްޤާ ޝަފީޤެވެ. ޝެހެނާޒު ރަޝީދަކީ މަރަދޫގެ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ ޕާމް ވިލެޖުގެ ވެރިފަރާތެވެ.

ޝަފުޤާ ޝަފީޤަކީ ދާދި ފަހުން ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލު ކޮށްގެން ރަށަށް ވަޑައިގެން އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅުއްވާ ޒުވާނެކެވެ.

މަރަދޫ ފޭދޫ އަދި މީދޫ ހިމެނޭ އައްޑޫ މީދޫ ދާއިރާ އަށް ވެސް ދެފަރާތަކުން ކުރިމަތި ލައްވާފައި ވެއެވެ. އެއީ މީދޫ ނޫރާނީ ވާދީ، ޝަފުނާ އަހުމަދު ދީދީ އާއި މަރަދޫ ފޭދޫ ރެޑުސުޓަރ އާމިނަތު ނަސީރު އެވެ.

ހިތަދޫ ޝަރަފުއްދީން ސުކޫލްގެ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޝަފުނާ އަހުމަދު އަކީ ރާއްޖޭން ބޭރުން ސޯޝޮލޮޖީ ސައިކޮލޮޖީ އަދި އިންގުލިޝް ހިމެނޭ ގޮތަށް ފުރަތަމަ ޑިގުރީ ނިންމުމަށް ފަހު މިވަގުތު އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާ ގެ މާސްޓަރސް އިން ބިޒިނަސް އެޑުމިނިސްޓުރޭޝަން ހަދަމުން ގެންދާ ފަރާތެކެވެ.

އޭނާ އަކީ، އެމްޑީޕީ ހިތަދޫ ދެކުނު ދާއިރާ ގެ ރައީސް އަދި އައްޑޫ ސިޓީ ކައުންސިލް ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފުގެ އަނބި ކަނބަލުންނެވެ.

އައްޑޫ ސިޓީގެ ދައުރު ނިމެމުން މިދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންވެސް ނުހަނު ގިނަ އަދި މަންފާ ކުރުވަނިވި މަސައްކަތް ތަކެއް ކުރައްވާފައި ވެއެވެ. އެކޮމިޓީ އަށް ވުރެން ބާރު ދުވެލީގައި އިތުރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިގެން ދިއުމަށް އައްޑޫގެ ގިނަ ބަޔަކު ބޭނުންވެއެވެ. އެކަން ކުރަން ތައުލީމީ، ހިންގުންތެރި، ފަންނުވެރި ޒުވާން ކަނބަލުން އިސްނެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަމައެގޮތަށް ޕާޓީ ރޫހަށް ވުރެން އިޖްތިމާއީ ރޫހު އިސްކުރާ ފަރާތްތައް ގެނައުމަކީ ވަރަށް މުހިއްމު ކަމެކެވެ.

'އައްޑޫލައިވް'ގެ ފަރާތުން އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޕްރޮފައިލް ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.