Last Updated: August 15, 23:23
Friday, August 15, 2025
ޚަބަރު

ރައީސް ބައްދަލުކުރި ފަހަދަކީ އަމީރެއްގެ ދަރިކަލެއް

ދާދި ފަހުން ރާއްޖެ ވަޑައިގެން ރައީސް އޮފީހުގައި ރައިސް ޑރ. މުހައްމަދު މުއިއްޒ ބައްދަލު ކުރެއްވި ސައުދީގެ 'ޕްރިންސް' ފަހަދް ސައުދު އަލްޝަލަން އަކީ ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.

ރައީސް ބައްދަލު ކުރެއްވި ބޭފުޅާ އަކީ "ފޭކް ޕްރިންސް" އެއް ކަމަށް ބުނާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަން މިނިސްޓަރު ހަލީލު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ކުރެއްވި ސުވާލުގެ ޖަވާބުގައި ވިިދާޅުވީ މެއި 5 ގައި ރައީސް ބައްދަލު ކުރެއްވި ފަހަދް އަލް ސައުދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށެވެ. އަދި އޭނަ ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގަ އާއި އަމިއްލަ ބައެއް މަސައްކަތްތައް ކުރެއްވުމަށް ކަމަށވެ.

"އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް ވަޑައިގެންފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތަށާއި، އަދި އެކަމުގައި ޝާމިލުވާ އެހެން ބޭބޭފުޅުންނާ އެއްކޮށް ކުރެވުނު ބައެއް މަސައްކަތްޕުޅުތަކުގައި ބައިވެރިވެވަޑައިގަތުމުގެ ބޭނުމުގައި ވަޑައިގެންފައި ވަނ." ހަލީލު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް ބޭފުޅަކު ވަޑައިގަންނަވާ ނަމަ، ބައިވެރި ކުރާނީ އަދި ނުކުރާނީ ކޮން ބައެއްތޯ ކަނޑައެޅުމުގެ އިހްތިޔާރު ލިބިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާންމު އުސޫލުގެ ދަށުން ރަސްމީ ކަމެއްގައި ވަޑައިގަންނަވާ އިރު، ކޮންމެ ބޭފުޅަކު ވެސް ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ހާރިޖިއްޔާ ތަމްސީލުކުރައްވާ ފަރާތްތަކަށް ދައުވަތު ދެމުން ގެންދިޔަ ނަމަވެސް ފަހަދް ރާއްޖެ ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށްވާތީ އެބައްދަލުވުން ކުރިއަށް ގެންދިޔައީ ރައީސް ކަނޑައަޅުއްވާ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެން ކަމަށެވެ.

މިނިސްޓަރު ހަލީލު ވިދާޅުވީ ސައުދީ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުންތަކަށް ބަދަލެއް ނާންނަ ކަމަށާއި، ގުޅުންތައް ކުރިއަށްދަނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.

ނަމަވެސް ފަހަދަކީ "ފޭކް ޕްރިންސް" އެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމުން އޭނަ ރައީސާ ބައްދަލު ކުރެއްވި ޙަބަރާއި ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން ނަގާފައިވާކަން ފާހަގަކޮށްލެވެ އެވެ.