އިސްޓާކީންތަކެއްގެ ތެރޭގައި ފޮރުވައިގެން އެމެރިކާ އިން ހޮންކޮންގަށް ކުދި ވެލާތަކެއް ބޭރުކުރި މީހަކު ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން އެ ހުކުމް އިއްވާފައި ވަނީ ޗައިނާ އަށް ނިސްބަތްވާ ވެއި ކިއަންގް ލިން ކިޔާ މީހެއްގެ މައްޗަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުންޏެވެ.
އޭނަގެ މައްޗަށް ހުކުމް ތަންފީޒު ކުރަން ފަށާނީ މި އަހަރުގެ ޑިސެންބަރު މަހުގެ 23 އިން ފެށިގެންނެވެ.
ލިންގެ މައްޗަށް ދައުވާކުރީ ކުޅޭ ތަކެތި ކަމަށް ބުނެ ހިމާޔާތްކޮށްއިވާ ވެލާގެ ބާވަތެއް ބޭރުކުރި މައްސަލައިގަ އެވެ. އެގޮތުން އޮގަސްޓް 2023 އިން ފެށިގެން މިދިޔަ އަހަރު ނޮބެމްބަރު މަހާ ދޭތެރޭ ޖުމްލަ 850 ވެލާ ހޮންކޮންގަށް ބޭރުކޮށްފައިވެ އެވެ. އެ ތަކެތި ބޭރުކުރީ ކުޅޭ ތަކެތީގެ ގޮތުގައި 200 އަށް ވުރެ ގިނަ ޕާރުސަލްތަކުގަ އެވެ.
އެ ޕާރްސަލްތައް ލޭބަލްކޮށްފައި ހުރީ ޕްލާސްޓިކް ކުޅޭ ތަކެތީގެ ގޮތުގަ އެވެ. ބޭރުކުރި ވެލާތައް ފައިސާ އިން އަގުކުރާ ނަމަ އެ ތަކެތީގެ އަގު 1.4 މިލިއަން ޑޮލަރަށް އަރަ އެވެ.
ވެލާތައް ބޭރުކުރާކަން ފަޅާއެރީ ބޯޑާ އިންސްޕެކްޝަނެއްގެ ތެރެއިން ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ. އެތަނުން ބުނި ގޮތުގައި ވެލާތަކުގެ އިތުރުން ލިން ވަނީ ދިރޭ ބައެއް އެހެން ތަކެތި ވެސް ބޭރުކޮށްފަ އެވެ. އެގޮތުން ވިހަ ހަރުފަތަކެއް ވެސް ބޭރުކޮށްފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުންޏެވެ.