Last Updated: August 15, 23:23
Friday, August 15, 2025
ޚަބަރު

ޒަކާތުގެ ގާނޫނެއް އޮތުމުން ފަގީރުކަން ނެތި، ތަނަވަސްކަން ލިބޭނެ

ޒަކާތުގެ ގާނޫނެއް އައުމުން ރާއްޖޭގެ ފަޤީރުކަން ނައްތާލެވި، އިޖުތިމާޢީ ތަނަވަސްކަން ގެނެސްދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޒަކާތު ބިލުގެ ބަހުސް ވެސް މިހާރު ފަށާފައިވާ އިރު، ސޯޝަލް މީޑިއާގައި ޝަހީމު ވިދާޅުވީ އެ ބިލު ފާސްވުމަކީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާ ކަމަށެވެ.

"ޒަކާތު ބިލް އެކުލަވައިލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތައް. ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތަށް ނަމޫނާއަކަށް ބަލައިގެން. މެލޭޝިޔާއާއި ކުވައިތު ޔޫއޭއީ މިޞްރު ޤައުމުތަކުގައި ވެސް ޤާނޫނުގެ ތެރެއިން ޒަކާތުގެ ކަންކަން ހިނގަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "މި ބިލް ފާސްވުމުން ދައުލަތަށް ފަސޭހަވެގެން ދާނެ. ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓް ކުރުމަކީ ހުއްދަ ކަމެއް. އެގޮތަށް އިންވެސްޓްކުރުމުން ޒަކާތް ހައްޤުވާ ފަރާތްތަކުގެ އެންމެހައި ކަމެއް ވެސް ހިލޭ ފޯރުކޮށް ދެވޭނެ."

ޝަހީމު ވިދާޅުވި ގޮތުގައި ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އަށް ވެސް މި ބިލް ފާސްވެ ގާނޫނަކަށްވުމުން ބޮޑެތި ފަސޭހަވެގެން ދާނެ އެވެ.

"ޒަކާތު ފަންޑު ޒަމާނާއި ޙާލަތާއި ޙާޖަތާ އެއްވަރަށް ތަރައްޤީ ވެގެންދާނެ. ރާއްޖެއިން ފަޤީރުކަން ނައްތާލެވި އިޖްތިމާޢީ ތަނަވަސްކަން ގެނެސްދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޒަކާތުގެ ކަންކަމަށް އަހައްމިންޔަތުކަން ދިނުމާއި އެ ދާއިރާ ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ތަޞައްވުރެއް ވެސް ކަމަށެވެ.

މި ސަރުކާރުން ވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދައި ޒަކާތާ ގުޅުން ހުރި ކަންކަން ހަރުދަނާ ކުރަމުންނެވެ.