މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު އެކްސިޑެންޓެއްގައި ނިޔާވިތާ އެއް މަސް ފުރުމާ ދިމާކޮށް، އަސަރުގަދަ މެސެޖެއް އަޝްފާ ހިއްސާކޮށްފި އެވެ.
ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އަޝްފާ ބުނީ "މިއީ މަންމަޔާ ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ހައިބަ ބޮޑު ހިތްދަތިކަމެއް" ކަމަށެވެ.
"މަންމައާއި ބައްޕަގެ ހިތާމަތަކާއި ރިހުންތަކަށް ކިރިޔާ ވެސް ލުޔެއް ލިބިގެންމިދަނީ اللہ سبحانہ وتعالی އާއި ދަރިފުޅު ދެކެ ވާ ލޯބީގެ ޙައްޤުގައި މި ކުރާ ނަމާދާއި، ދުޢާއާއި ޒިކުރުތަކާއި ކީރިތި އާޔަތްތަކުގެ އެހީއާއި މަދަދުންކަން އިހުސާސްކުރެވޭ،" އަޝްފާ ލިޔެފައިވެ އެވެ.
އަޝްފާ ބުނީ މަންމަ އާއި ބައްޕަ އަދި ދެ ފަރާތުގެ މުޅި އާއިލާ އާއި އަލްސަންގެ އެންމެ ގާތް އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިން ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.
"އެ ހުރިހާ ހިތްތަކެއްގައި ދަރިފުޅަށްޓަކާ ހާއްސަ ޖާގައެއްވާ ކަން ދަރިފުޅުގެ ވަދާއީ ވަގުތުކޮޅުގައި ވެސް ފެނިގެންދިޔަ. އިހުސާސް ކުރެވިގެން ދިޔަ. އެވަރުގެ ޖަނާޒާއަކާއި އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ހަޒްރަތައް ހަމްދާ ޝުކުރު ކުރަން،" އަޝްފާ ބުންޏެވެ.
އަލްސަން ،17، ނިޔާވީ މިދިޔަ މަހު 14 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.