މި މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފެށުމަށް ނިންމައިފި އެވެ.
މިފްކޯ އިން ބުނީ މި މަހުގެ ތެރޭގައި ފުވައްމުލަކުން މަސް ގަންނަން ފަށާނެ ކަމަށާއި، އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މި ޔަގީންކަން ދީފައިވަނީ މިފްކޯގެ ސީއީއޯ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހާތު ޝަހީރު މި ހަފްތާގެ ތެރޭގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް މިފްކޯއިން ބުނެ އެވެ.
މީގެއިތުރުން، ފުވައްމުލަކުގެ އެއްގަމުގައި ހަދަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރުގެ ތެރޭގައި އޮޕަރޭޝަނަލައިޒްކޮށް، ފުވައްމުލަކު ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުރި މަސް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަންވެސް މިފްކޯއިން ވަނީ ދީފަ އެވެ.
ދައުލަތުގެ އެންމެ ބޮޑު މަސް ކުންފުނި ކަމުގައިވާ މިފްކޯއިން އަންނަނީ ސީދާ އައްޑޫން ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.