މަންމަ ސޯނީ ރާޒްދާން ޑައިރެކްޓްކުރާ ފިލްމެއް، އާލިއާ ބަޓް ޕްރޮޑިއުސް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ލިޔުންތެރިޔާ މަންޖޫ ކަޕޫރްގެ ވާހަކަ "ޑިފިކަލްޓް ޑޯޓާސް" އަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. ނަމަވެސް މިއާ ބެހޢ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.
ސޯނީ ޑައިރެކްޓްކުރާ ފިލްމު ޕްރޮޑިއުސް ކުރާނީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން ޕިކްޗާސްއިންނެވެ. އެތަނުން މިހާތަނަށް ދެ ފީޗާ ފިލްމެއް ގެނެސްދީފައިވާ އިރު، އެ ދެ ފިލްމުގެ ބަތަލާ އަކީ ވެސް އާލިއަ އެވެ. އެ ފިލްމުތަކަކީ 2022 ގެ "ޑާލިންސް" އާއި މިދިޔަ އަހަރުގެ "ޖިގްރާ" އެވެ.
ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާ ގުޅިގެން "ޑާލިންސް" ގެނެސްދިން އިރު، "ޖިގްރާ" ގެނެސްދިނީ އާލިއާގެ މެންޓޯ، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާ ގުޅިގެންނެވެ
މަންމަ ޑައިރެކްޓްކުރާ ފިލްމެއް އާލިއާ ޕްރޮޑިއުސްކުރާ އިރު، ދެމައިން އެކީގައި ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ 2018 ގެ "ރާޒީ" އެވެ. ސޯނީ ކުރިން ވެސް ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވެ އެވެެ. އޭގެ ތެރޭގައި ބަޓް ކޭމްޕުން 2005 ގައި ގެނެސްދިން "ނަޒަރު" ހިމެނެ އެވެ.
އާލިއާގެ ބައްޕަ މަހޭޝް ބަޓަކީ ވެސް ވަރަށް ކާމިޔާބު ޑައިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެކެވެ.
ޕީޕިންމޫން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޓާނަލް ސަންޝައިން އިން މިހާރު އަންނަނީ އިތުރު އެހެން ފީޗާ ފިލްމެއްގެ މަސައްކަތް ވެސް ފަށަން ތައްޔާރުވަމުންނެވެ. އެއީ ސްޓޫޑިއޯ އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ އިތުރުން ޗޯކްބޯޑް އެންޓަޓައިންމަންޓް ގުޅިގެން ހަދަން ނިންމާފައިވާ ޒުވާނުންނަށް ހާއްސަ ފިލްމެކެވެ.
މީޑިއާތަކުން ބުނީ ނަން އަދި ސާފު ނުވާ އެ ފިލްމަކީ އާލިއާގެ ފިރިމީހާ ރަންބީރް ކަޕޫރްގެ 2013 ގެ ކާމިޔާބު ލޯބީގެ ފިލްމު "ޔެ ޖަވާނީ ހެ ދީވާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ސްރީތީ މުކަރްޖީ ރަސްމީކޮށް ޑައިރެކްޝަނަށް ނުކުންނަ ފިލްމު ކަމަށެވެ.
އޭގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ޕްލޭން ކުރަމުން އަންނަ އިރު، ފިލްމުގައި އެކްޓަރެއްގެ ގޮތުން އާލިއާ ހިއްސާވާނެ ކަމެއް އަދި ކަށަވަރެއް ނޫނެވެ.
ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ހުނަރުވެރި ބަތަލާގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ "އަލްފާ" އާއި އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އެވެ.