އަބޫ ހުރައިރާ(ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެ އެވެ. ހަމަކަށަވަރުން އެއް ފަހަރަކު ނަބިއްޔާﷲ ﷺ ގެ އަރިހަށް މީހަކު އައިސް ދެންނެވި އެވެ.
“އަޅުގަނޑަށް ވަޞިއްޔަތެއްކޮށް ދެއްވާށެވެ!”
އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “ތިބާ ރުޅި ނާންނާށެވެ!”
ފަހެ، އެބޭކަލަކު ވަޞިއްޔަތެއް ކޮށދެއްވުމަށް ތަކުރާރުކޮށް ދެންނެވުމުންވެސް އެކަލޭގެފާނު ޖަވާބުގައި ޙަދީޘްކުރައްވަމުން ގެންދެވިއެވެ. “ތިބާ ރުޅި ނާންނާށެވެ! (ޞަޙީޙުލް ބުޚާރީ)
އަދިވެސް އަބޫ ހުރައިރާ(ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވާ އެހެން ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ.”
“ބާރުގަދަ މީހަކީ ހިފައިގަނެގެން އަނެކާ ބަލިކުރާ މީހާއެއް ނޫނެވެ. އެހެނެއްކަމަކު، ބާރުގަދަ މީހަކީ ރުޅި އަންނަ ހިނދު އެ މީހެއްގެ އަމިއްލަ ނަފްސު މައިތިރިކުރާ މީހާއެވެ.” (ޞަޙީީޙުލް ބުޚާރީއާއި މުސްލިމް)
އެހެންކަމުން ރުޅި އަންނަ ހިނދު ތިބާގެ އަމިއްލަ ނަފްސު މައިތިރިކޮށް ކެތްތެރިކަން އިސްކުރާށެވެ! ރުޅި އިސްކުރުމުގެ ބަދަލުގައި މިގޮތް އިޚްތިޔާރު ކުރެވިއްޖެ ނަމަ ތިބާގެ ޙަޔާތުގައި އެތައް ކަމެއް ފަސޭހަކަމާ އެކު ހައްލުވާތަން ﷲގެ ހެޔޮ ރަޙްމަތާ އެކު ތިބާ ދެކޭނެއެވެ. ނަބަވީ އިރުޝާދުގައި ހިފައި އެއަށް ޢަމަލުކުރާށެވެ!
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.