ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެ ފަދަ ގަސްތައް މާލޭ ސިޓީގައި އިންދުމަށް ނިންމައިފި އެވެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާއިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް، ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެ ކަންކަމަށް ހައްލު ހޯދުމަށް ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަމުން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ޞިއްޙީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައިސްފައިވާ، އަދި ދިވެހިންނަށް ވަރަށް މުހިންމު ތަރިކައެއް ކަމަށާއި ނަމަވެސް، މިހާރު މި ތަރިކަ އުވިގެން ނެތިގެންދާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އެހެންކަމުން މި ދާއިރާ ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެގޮތުން ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެ ފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި، އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެތެރޭގައި ވެސް، ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި މަސައްކަތުގެ ބޭނުމަކީ، ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ނުލިބޭ ކަމަށެވެ. މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އަހުމަދު ފާހަގަކުރެއްވި އެވެ.
މާލެ ސިޓީ ކައުންސިލުގެ މި ފަދަ އެހީތެރިކަމާއެކު، ދިވެހި ބޭސްވެރިކަމުގެ ފަންނު އާލާވެ، އެ ކަމުގެ ސަބަބުން ދިވެހިންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުވެގެން ދާނެ ކަމަށް އަހުމަދު ވިދާޅުވެ އެވެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާ އުފެދިފައި ވަނީ 1980 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.