Last Updated: August 15, 23:02
Friday, August 15, 2025
ޚަބަރު

އިސްލާހުތައް ގެނައީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަން

ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ގެނެސްފައިވާ އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރަން ކޮންމެހެން ވެސް ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އިސްލާހުތަކުގައި ރައްޔިތުން ބާރުވެރިކުރުމާއި "ޗެކް އެންޑް ބެލެންސް" ނިޒާމު ގެނައުމާއި "ގުޑް ގަވަނެންސް" އަދި އަމިއްލަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތް ކުރުން ނޫން ކަމެއް ނެތް ކަމަށެވެ.

"މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ޗެމްޕިއަން ކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ބަލައިގަންނަ އަދި ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެއް ކަމަށާއި އިސްލާހުތައް ގެނައީ އެ ނިޒާމު އިތުރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ކަމަށެވެ. މި ކަންކަން ރައްޔިތުންނަށް ކިޔައިދެނީ މިކަންކަން ސާފުނުވާ ގޮތަށް ބައެއް ކައުންސިލްތަކުންނާއި ކައުންސިލަރުންނާއި ބައެއް ޖަލްސާތަކުގައި ވާހަކަދައްކަމުންދާތީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދެނީ ވަރަށް ސީރިއަސް ވިސްނުމެއްގައި ކަމަށާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވިޔަސް ޒިންމާދާރުކަމާއެކު ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއްބާރުލުން ދޭން އެއްވެސް ކަހަލަ ހުރަހެއް ކުރިމަތިވުމަކީ ގެއްލުންހުރި ކަމެއް ކަމަށާއި ވަރަށް ގިނަ ކައުންސިލްތަކުގެ އެއްބާރުލުން ސަރުކާރަށް ލިބެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ މިގޮތަށް ކަންކަން ދާނަމަ ވައުދުތައް ފުއްދުމުގެ ސްޕީޑު ވެސް ބާރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން މަޖިލީހުން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމެވެ.

މީގެއިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުމާއި، އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ވާންޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު، 10 މިލިއަނަށްވުރެ ބޮޑުވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެއިތުރަށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެކި ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނެގުން ވެސް މަނާކޮށްފައި އެވެ.