Last Updated: July 10, 11:11
Friday, July 10, 2026
ޚަބަރު

ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަނީ

ބ. ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރަވަންދޫ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމާއެކު، އިތުރު ވަސީލަތްތަކާއި އިތުރު ހިދުމަތްތައް ހިމެނޭ ގޮތަށް 30 އެނދުގެ ހޮސްޕިޓަލެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަޅައިދޭނެ ކަމަށެވެ.

ދަރަވަންދޫއަކީ އެއާޕޯޓެއް އޮންނަ ރަށަކަށް ވެފައި އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެކި ކަންކަމުގައި އެ ރަށަށް އަންނަ މީހުންނަށް ހިދުމަތް ދިނުމަށް އެ ރަށުގައި ހޮސްޕިޓަލެއް ހުރުން މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވި އެވެ.

އަދި މި އަހަރު ޑަޔަލިސިސް އާއި އެކްސް-ރޭގެ ހިދުމަތް ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ދަރަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކޮށް، އެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.