Last Updated: August 18, 23:01
Monday, August 18, 2025
ކުޅިވަރު

ޓޮޓެންހަމް ބަލިކޮށް ޕީއެސްޖީ ސުޕަ ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން 4-3 އިން، ޓޮޓެންހަމް ބަލިކޮށް ޕީއެސްޖީން، ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

ޔޫއެފާ ސުޕަ ކަޕަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމާއި ޔޫރޮޕާ ލީގު ހޯދި ޓީމުގެ މެދުގައި ކުޅޭ މެޗެކެވެ. މިއީ ޕީއެސްޖީން ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އިޓަލީގައި ރޭ ކުޅުނު މި މެޗުގެ 39 ވަނަ މިނެޓްގައި މިކީ ވެން ޑަވިން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޓޮޓެންހަމްގެ ޖޮއާއޯ ޕަލީނިއާ ފޮނުވާލި ހަމަލާއެއް ޕީއެސްޖީގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ވެން ޑަވިން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޓޮޓެންހަމުން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. ޓޮޓެންހަމްގެ ކެޕްޓަން ކްރިސްޓިއަން ރޮމޭރޯ މި ގޯލު ކާމިޔާބުކުރީ ޕީއެސްޖީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ.

މި ގޯލަށްފަހު ޓޮޓެންހަމުން ވަރަށް ބޮޑަށް ފަހަތަށް ޖެހިލައިގެން ކުޅުނުއިރު، ޕީއެސްޖީން ވަނީ އެޓޭކިން ގިނަ ކުޅުންތެރިންތަކެއް ކުޅެން އަރުވާފަ އެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓްގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ދެކުނު ކޮރެޔާގެ މިޑްފީލްޑަރު ލީ ކަންގް އިން އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ގޮންސާލޯ ރާމޯސް ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. އެގޮތުން ޓޮޓެންހަމްގެ ފުރަތަމަ ޕެނަލްޓީ ޑޮމިނިކް ސޮލާންކޭ ކާމިޔާބުކުރި އިރު، ޕީއެސްޖީގެ ފުރަަތަމަ ޕެނަލްޓީ ވިޓީނިއާ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. ޓޮޓެންހަމްގެ ދެ ވަނަ ޕެނަލްޓީ ރޮޑްރީގޯ ބެންޓަންކޫރު ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޕީއެސްޖީގެ ދެ ވަނަ ޕެނަލްޓީ ރާމޯސް ކާމިޔާބުކުރިއިރު، ވެން ޑަވިން ފޮނުވާލި ޓޮޓެންހަމްގެ ތިންވަނަ ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ޝެވަލިއޭ ވަނީ މަތަކޮށްފަ އެވެ. އަދި ޕީއެސްޖީގެ ތިން ވަނަ ޕެނަލްޓީ ޑެމްބެލޭ ވަނީ ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޓޮޓެންހަމްގެ ހަތަރު ވަނަ ޕެނަލްޓީ މަތީސް ޓެލް ފޮނުވާލިއިރު، އެ ޕެނަލްޓީ ދިޔައީ ބޭރަށެވެ. އަދި ޕީއެސްޖީގެ ހަތަރު ވަނަ ޕެނަލްޓީ ލީ ވަނީ ކާމިޔާބުކޮށް އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ޓޮޓެންހަމްގެ ފަސް ވަނަ ޕެނަލްޓީ ޕެޑްރޯ ޕޯރޯ ކާމިޔާބުކުރިއިރު، ޕީއެސްޖީގެ ފަސް ވަނަ ޕެނަލްޓީ ނޫނޯ މެންޑޭސް ވަނީ ކާމިޔާބުކޮށް އެ ޓީމަށް ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ.