އެމެރިކާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ 249 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އެމެރިކާގެ ސަފީރު ހޫގޯ ޔޮން ބޭއްވި ޙަފްލާގައި އެމެރިކާއާއެކު އޮތް ގުޅުން ބަދަހިކުރަން ރާއްޖެއިން ކުރާ މަސައްކަތް ފާހަގަކުރައްވަމުން ހަލީލު ވަނީ ދިފާޢީ ދާއިރާ އާއި ވެރިކަން ހިންގުމާއި އިޤްތިޞާދީ ތަރައްޤީގެ ދާއިރާގައި ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.
އަދި 1965 އިން ފެށިގެން އެކުވެރިކަމާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ރާއްޖެއާއި އެމެރިކާގެ ދެމެދުގައިވާ ރަޙްމަތްތެރިކަމަށް ތަޢުރީފުކުރައްވައި، ގިނަ ދާއިރާތަކެއްގައި އިތުރުވަމުންދާ އެއްބާރުލުން ވެސް ހަލީލު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭކަން ފާހަގަކުރައްވަމުން ހަލީލު ވަނީ ރައްކާތެރި އަދި ފާގަތި މުސްތަޤްބަލެއް ޙާޞިލުކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.