ވައުދުތައް ފުއްދަން ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ދަރަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދެނީ ވަރަށް ސީރިއަސް ވިސްނުމެއްގައި ކަމަށާއި އެމަނިކުފާނާއި ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި ހޭދަވާ ކޮންމެ ސިކުންތެއް ވެސް ވަރަށް މުހިއްމު ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު ކޮށްގެން ހުރި ހުވަޔާއި އެއްގޮތަށް، އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދުމުގައި ރެޔާއި ދުވާލު ހޭދަކުރަން. ލަފްޒީ މާނައިގައި ހަމަ ރެޔާއި ދުވާލު ހޭދަ މިކުރަނީ. އެކަން އަޅުގަނޑު ކުރަންޖެހޭތީ، އެކަން ގަބޫލުކުރާތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރަނީ އެގޮތަށް ކަމަށާއި އަދި މިކަމަށް ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ. ސިޔާސީ ހިޔާލުތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ޒިންމާދާރުކަމާއެކު އެއްބާރުލުން ދޭންޖެހޭނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ނަމަވެސް އެކަމަށް ހުރަސް އެޅުމަކީ ގެއްލުންހުރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންނަށް ޒިންމާދާރުކަމާއެކީ ހިދުމަތް ދިނުމަކީ ހިޔާލުތަފާތުވުންތައް ދޫކޮށްލައި، ހުރިހާ ރައްޔިތުން ހަމަހަމަކަން ގަބޫލުކޮށްގެން ހިދުމަތް ދިނުން ކަމަށާއި އަދި ސިޔާސީ ގޮތުން ސަރުކާރާއި ހިޔާލު އެއްގޮތް ނުވި ނަމަވެސް ސަރުކާރަށް އެއްބާރުލުންދޭންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން މިގޮތަށް އެއްބާރުލުންދޭ ކައުންސިލްތައް ވަރަށް ގިނަ ކަމަށާއި މިގޮތަށް އެއްބާރުލުންދޭނަމަ ވައުދުތައް ފުއްދުމުގެ ސްޕީޑު ބާރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.