އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާއިން އިއްޔެ އެކަނި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ފާއިތުވި 24 ގަޑިއިރުތެރޭ ދިން ހަމަލާތަކުގައި ގާޒާއިން 123 މީހަކު މަރުވެފައިވާ ކަމަށާއި އޭގެތެރެއިން 37 މީހުންނަކީ އެހީ ހޯދަން ގޮސް ތިބި މީހުން ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުތެރޭ 8 މީހަކު ބަނޑަށް މަރުވެފައިވާއިރު އޭގެތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.
އިޒްރޭލުން އިއްޔެ ވައިގެ ގިނަ ހަމަލާތަކެއް ގާޒާގެ އިރުމަތީ ހިސާބުތަކުގެ ގެތަކަށް އަމާޒުކުރިއިރު، އިޒްރޭލު ސިފައިންގެ ޓޭންކަރުތަކުން ވެސް ގިނަ އަދަދެއްގެ ގެތައް ވަނީ ސުންނާފަތިކޮށްލާފަ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 61،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 9،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.