ބ. ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާ ހަވާލުކޮށް އިތުރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ދަރަވަންދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޑޮމެސްޓިކް އެއާޕޯޓަކީ ދަރަވަންދޫ އެއާޕޯޓު ކަމަށެވެ.
އެކަމަކު 2012 ގައި ހުޅުވި އެއާޕޯޓް އިތުރު ތަރައްގީ ކުރަން މަސައްކަތްތައްކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓްކޮށްފައިވާ ކުންފުންޏާ މަޝްވަރާކޮށް ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް އެ ކުންފުނި އަތުން އެއާޕޯޓު ނަގައި އައިއޭއެސްއާ ހަވާލުކޮށް އެއާޕޯޓު ތަރައްގީކޮށް، އޮޕަރޭޓު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރަން ވެސް އައިއޭއެސް އިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
"އެކަން ގަވައިދާ އުސޫލުތަކާ އެއްގޮތަށް ވަރަށް އަވަސް މިނެއްގައި ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ. "އެ ތަނަށް އިންވެސްޓުކޮށްފައިވާ ފަރާތާއެކު އެއްބަސްވުމަކަށް އަންނާނަން."
ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ.