Last Updated: August 18, 13:53
Monday, August 18, 2025
މުނިފޫހިފިލުވުން

ޓޭލާގެ އާ އަލްބަމް އޮކްޓޯބަރު 3 ގައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ އަލްބަމް "ލައިފް އޮފް އަ ޝޯގާލް" އަންނަ އޮކްޓޯބަރު މަހުގެ 3 ގައި ނެރޭނެކަން އިއުލާންކޮށް، އޭގެ ޓްރެކް ލިސްޓް ވެސް ހިއްސާކޮށްފި އެވެ.

ޓޭލާގެ 12 ވަނަ އަލްބަމް ނެރެން ތައްޔާރުވަމުން އަންނަކަން އިއުލާންކުރީ މި މަހުގެ 12 ގަ އެވެ. އޭރު އަލްބަމްގެ ނަން ފިޔަވައި އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ނަމަވެސް ރިޕަބްލިކް ރެކޯޑްސްގެ ތައްގަނޑުގައި ނެރެން ނިންމާފައިވާ އަލްބަމް ނެރޭ ތާރީހާއި ޓްރެކް ލިސްޓާ އެކު، އަލްބަމްގެ ކަވަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

އަލްބަމްގައި ޖުމްލަ 12 ލަވަ ހިމެނޭ އިރު، ޓައިޓްލް ލަވައިގައި ޓޭލާއާ އެކު ލަވަކިޔުންތެރިޔާ ސަބްރީނާ ކާޕެންޓާ ވެސް ހިއްސާވެފައިވެ އެވެ. "ލައިފް އޮފް އަ ޝޯގާލް" ގެ ޓްރެކް ލިސްޓްގައި ހިމެނޭ ލަވަތަކަކީ ދަ ފޭޓް އޮފް އޮފީލިއާ، އެލިޒަބަތު ޓޭލާ، އޮޕަލައިޓް، ފާދާ ފިގާ، އެސްޑެސްޓް ޑޯޓާ، ރުއިން ދަ ފްރެންޑްޝިޕް، އެކްޗްލީ ރޮމޭންޓިކް، ވިޝް ލިސްޓް، ވުޑް، ކެންސެލްޑް، ހަނީ އަދި ދަ ލައިފް އޮފް އަ ޝޯ ގާލް އެވެ.

އަލްބަމް މިހާރު އޮތީ ޕްރީ-އޯޑަރަށް ވެސް ހުޅުވާލައިފަ އެވެ.

މިހާތަނަށް 14 ގްރެމީގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޓޭލާ، 35، ގެ އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ. ޓޭލާގެ ފުރަތަމަ އަލްބަމީ އަމިއްލަން ނަން ދީގެން 2006 ގައި ނެރުނު އަލްބަމެވެ.

ކުލަގަދަ މިއުޒިކީ ކެރިއަރެއް އޮތް ފަންނާނުގެ ކާމިޔާބު ކެރިއަރަށް ބަލާ އިރު، އެއް އަހަރެއްގައި ދެ އަލްބަމް ވެސް ނެރެފައިވެ އެވެ. އެގޮތުން 2020 ގައި "ފޯކްލޯ" އާއި "އެވަމޯ" ނެރުނެވެ.