އައްޑޫ މީދޫގައި ހިތްގައިމު ޕިކްނިކް އޭރިއާއެއް ތަރައްގީކޮށް، ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
މި ޕިކްނިކް އޭރިއާ އަކީ މީދޫގެ އީދިގަމޫލު މައިޒާނެވެ. މީދޫ ވަށައިގެން މައިޒާންތަކެއް ހަދާފައިވާ އިރު، ޕިކްނިކް އޭރިއަކަށް ހާއްސަކުރި ތަނަކީ ދަތުރު ދާ މީހުން އެންމެ ގަޔާވާނެ ކަހަލަ ސަރައްދެކެވެ. އެގޮތުން ރީތި ބިޗަކާ އެކު، ހިމުން ދޮންވެލީގެ ސަރަހައްދެކެވެ.
މީދޫ ކައުންސިލަރު އައިމިނަތު ސާލިއާ މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ޕިކްނިކް އޭރިއާ އަކީ އޭނަގެ އިސް ނެންގުވުމަކަށް ސަތޭކަ ޕަސަންޓް އަވަށު އޮފީހުގެ ޕްރޮޖެކްޓެއް ކަމަށެވެ. އޭނަ ވިދާޅުވީ މިއީ މީދޫގެ ރައްޔިތުންނަށް ދެވޭ ވަރަށް ހިތްގައިމު އަދި ބޭނުންތެރި ހަދިޔާއަކަށް ވާނެ ކަމަށެވެ.
ޕިކްނިކް އޭރިއާ އަދި ހަފުތާއެއްހާ ފަހުން ހުޅުވަން ތައްޔާރުވަމު އަންނަ އިރު، އެތަނުގެ މައިގަނޑު ގިނަ މަސައްކަތްތައް މިހާރު ހުރި ނިމިފަ އެވެ. އޭގެ ތެރޭގައި ތަނުގެ ވިއު ބަލާލަން ހާއްސަކޮށްފައިވާ ޕްލެޓްފޯމާއި ޕިކްނިކްދާ މީހުން ކައްކާނެ ހާއްސަ ބަޔަކާއި އިށީންނާނެ އަށިތަކާއި މޭޒުތަކާއި އުނދޯއްޔާއި ފެންވަަރަން ހާއްސަ ޝަވަރު ފަދަ ވަސީކަތްތައް ގާއިމުކޮށްފައިވެ އެވެ
"ކުރުކޮށް ބުނަންޏާ މި ޕިކްނިކް އޭރިއާ ވާނީ ދަތުރުތާ ބަޔަކަށް ބޭނުން ވާނެ ހުރިހާ ވަސީލަތެއް ހުންނާނެ ތަނަކަށް." ސާލިހާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ތަން ޑިޒައިންކޮށްފައި އޮތީ އީދިގަމޫލު މައިޒާންގެ ގުދުރަތީ ރީތިކަމުން ހިތް އުފާކޮށްލެވޭ ގޮތަށް ކަމަށެވެ. އެހެންވެ ޕިކްނިކް އޭރިއާ ވާނީ މީދޫގެ ކުދި ބޮޑު އެންމެންގެ "ދުޅަހެޔޮކަމާ" ވެސް ގުޅޭނެ ތަނަކަށް ކަމަށް ވިދާޅުވި އެވެ.
"މިތަން ޑިޒައިން ކުރުމުގައި ބަލާފައިވާނެ އެކި އުމުރުގެ ކުދިންނަށް ތަފާތު ކުޅިވަރު ކުޅެވޭނެ ޖާގަތަކާއި އެޑިއުކޭޝަނަލް އެކިއެކި ހަރަކާތްތައް ބޭއްވޭ ކަހަލަ ތަނަކަށް ހެދުމަށް ވެސް،" ސާލިހާ ވިދާޅުވި އެވެ. "ޖުމްލަކޮށް މި ތަނަކީ އާންމުންގެ ވެލްބީންއާ އެކު ހިތްއުފާކޮށްލައި ހިތްފަސޭހަކޮށްލަން ބޭނުުންވާ ހުރިހާ އުމުރަކަށް ވެސް އެކަށީގެންވާ ކަހަލަ ތަނަކަށް ވާނެ. އަދި މިއީ ތަފާތު އެކި ކަހަލަ ހަފުލާތަކާއި އިވެންޓްތަކަށް ވެސް ބޭނުން ކުރެވޭނެ ތަނަކަށް ވާނެ."
ސާލިހާ ވިދާޅުވީ ޕިކްނިކް އޭރިއާ ރަސްމީީކޮށް ހުޅުވުމަށް ފަހު، އެތަން ބޭނުން ކުރަން އާންމުންގެ އަތުން ފީއެއް ނަގާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތަކަށް ތަން ބެލެހެއްޓުމަކަށްޓަކައި ފީއެއް ނެގުން މުހިއްމުވާ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.
"މިތަނުގައި ކަރަންޓާއި ފެން ވެސް ބޭނުން ކުރެވޭ ގޮތަށް ހުރީމަ އެބަ ޖެހޭ މި އޭރިއާ ބޭނުންކުރާ މީހުންގެ އަތުން ކޮންމެވެސް ވަރެއްގެ ފީއެއް ނަގަން." ސާލިހާ ވިދާޅުވި އެވެ.
ތަން ހުޅުވުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު އަވަށުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސާލިހާ ހުންނެވީ ވަރަށް ބޮޑު އުފަލަކާއި ހިތްމަޖެހުމެއްގެ ތެރޭގަ އެވެ. އޭނަ ވިދާޅުވީ މީދޫ ރައްޔިތުންނަކީ އަބަދު ވެސް ވަރަށް އެއްބައިވަންތަކޮށް އުޅޭ ބަޔަކަށްވާތީ ޕިކްނިކް އޭރިއާގެ ސަބަބުން އެކަން އިތުރަށް އާލާވާނެ ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށެވެ.
"އެންމެ އުފާވާ ކަމަކީ މިހާތަނަށް ޕިކްނިކް ދާނެ ވަކި ސަރަހެއްދެއް ނެތް މީދޫ ރައްޔިތުންނަށް، ދަތުރުދާނެ ހާއްސަ ތަނެއް ހުރިހާ ވަސީލަތްތަަކާ އެކު ގާއިމުކޮށް ދެވި، ރައްޔިތުން ވަރަށް އެދިއެދި ތިބި ކަމެއް ފުރިހަމަކޮށް ދެވޭތީ." ސާލިހާ ވިދާޅުވި އެވެ.
އެހެންވެ އޭނަ އެދިވަޑައިގަންނަވަނީ ހުރިހާ އެންމެން ވެސް ތަނުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމެވެ. އަދި ޕިކްނިކް އޭރިއާ ހުޅުވިގެންދާ އިރު، އެތަނުގައި ދީފައި ހުންނަ އިރުޝާދުތަކާ އެއްގޮތަށް ތަން ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ވެސް ސާލިހާ ފާހަގަ ކުރެއްވި އެވެ.
"މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް." ސާލިހާ ވިދާޅުވި އެވެ.