ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލަ އަށް އެދެވޭ ހައްލެއް އަންނާނީ ރިޔާސީ ދައުރު 10 ނުވަތަ 15 އަހަރަށް ދަންމާލައިގެން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
'ދެނޯ؟' ކިޔާ ޔޫޓިއުބް ޗެނަލަކަށް އޭނަ ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވެނީ މާ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްދޭން ސަރުކާރާ ހަވާލުވެވަވަޑައިގަންނަވާ ވެރިމީހާ އަށް ޖެހިވަޑައިގަންނަވާތީ ކަމަށެވެ. އެހެންވެ ކުރު މުއްދަތެއްގައި ގިނަ ކަންކަން ކުރުމަށްޓަކައި ގިނަ ލޯނުތަކެއް ނަގަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ޑޮލަރުގެ ރޭޓު މަތިވާ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވިސްނޭ ކަމަކީ ދިވެހިރާއްޖެއަކީ ޑޮލަރު ވާރޭވެހޭހެން ވެހޭ ތަނެއް، ދުނިޔޭގެ ނިސްބަތުން،" އުއްޗު ވިދާޅުވި އެވެ. "އެކަން އެންމެން ވެސް ގަބޫލު ކުރަން ޖެހޭނެ."
އޭނަ ވިދާޅުވީ ރާއްޖޭގެ ހުރިހާ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ބޭނުންވާ ބައިވަރު ކަންކަން ހުންނަ ކަމަށާއި އެ ކަންކަން ރައީސުން ކޮށް ދެއްވަނީ އެ ބޭފުޅުންގެ އަމިއްލަ ޖީބުން ނޫން ކަމަށެވެ. އެހެންވެ މިއީ ހައްތަހާ ވެސް ބޮޑެތި ޚަރަދުތައް ކަމަށް ވިދާޅުވިއެވެ.
"މި ހުރިހާ ކަމެއް ކުރަން ވެސް ޑޮލަރުން ހަމަ ލޯނު ނަގަން މި ޖެހެނީ. ދެން މީގެ އެންމެ ބޮޑު އެއް ސަބަބަކީ. މި ފަދަ ބޮޑު ރާއްޖެއަކަށް ކުޑަކުޑަ ދިވެހިރާއްޖެއެއް ނޫނޭ،" އުއްޗު ވިދާޅުވި އެވެ. "ރަށްތައް ހުރި ގޮތުން ދުރުވެފައި ހުންނަނީ. މި ފަދަ ބޮޑު ރާއްޖެއަކަށް ފަސް އަހަރު މާ ކުޑައީ ވެރިކަން ކުރަން އިނގޭތޯ."
އޭނަ ވިދާޅުވީ، ރައީސުންނަށް ކަންކަން ކޮށްދެވެނީ ވަރަށް މަސައްކަތުން ކަމަށާއި ކަންކަން ކުރަން މިހާރު އޮތް ގާނޫނުއަސާސީން ލިބޭ ފަސް އަހަރުގެ މުއްދަތަކީ މާ ކުރު މުއްދަތެއް ކަމަށެވެ. އަދި،ޑޮލަރުގެ މައްސަލައަށް ހައްލެއް އަންނާނީ އެއަ ށްވުރެ ހަމަޖެހިގެން ކަންކަން ކޮށްދޭން ރައީސުންނަށް ފުރުސަތު ލިބިގެން ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ވެރިއަކު ހުއްޓަސް އެންމެ މަދުވެގެން 10، 15 އަހަރު ވެރިއަކަށް ލިބިގެން ނޫނީ ނުކުރެވޭނެ ކަންކަމެއް." އުއްޗު ވިދާޅުވި އެވެ. "ކުރު މުއްދަތެއްގެ ތެރޭގައި ކަންކަން ކޮށްދޭން ރައީސުން މަސައްކަތްކުރާ ނަމަ ޑޮލަރުގެ އަގު ދަށަށް ނުދާނެ. ޑޮލަރަށް އޮންނަ ޑިމާންޑް މާ ބޮޑަށް ބޮޑުވަނީ އެހެންވެ. "ކޮންމެ ރަށެއްގައި އެއާޕޯޓެއް ވެސް އޮންނަންޖެހޭ އެބަ. ކޮންމެ ރަށަކަށް ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭންޖެހޭ އެބަ. އެހެންވީމާ ވެރިއަކަށް އަންނަވާ ބޭފުޅަކަށް މުއްދަތް މާ ކުރީ. އަޅުގަނޑަށް ފެންނަ ގޮތުގައި. ޑޮލަރެއް ހޯދަން ޖެހުނު ގޮތަކަށް ހޯދަން ޖެހިފައި އޮންނަނީ."