ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަމުން އަންނަ ހާއްސަ ހަރަކާތް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި ގަވާއިދުން ބާއްވަމުން އަންނަ މި ހަރަކާތަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތް މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 8 ވަނަ ދުވަހެވެ.
އެމްއޭސީއެލް އިން ބުނީ، މި ހަރަކާތުގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުން ކަަމަށެވެ.
މި ހަރަކާތް އެންމެ ފަހުން ބާއްވާފައި ވަނީ، 2022ވަނަ އަހަރެވެ. އެ އަހަރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން މި ހަރަކާތުގައި ބައިވެރިވިއެވެ.