މިއަހަރުގެ މިހާތަނަށް ރާއްޖޭގެ 47 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހުޅުވައިފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް އިން ބުނީ 7 އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެ ހަތް އަތޮޅަކީ، ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅެވެ.
އަދި އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި މި ޚިދުމަތް ފަށަން ބީއެމްއެލް އިން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އަދި ބާކީ ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމް ޚިދުމަތް ގާއިމްކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ޝަރީފް ވިދާޅުވީ އޭޓީއެމުން ދޭ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އަސާސީ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުރިހަމަ އެއް ވަސީލަތް ކަމަށެވެ. އޭޓީއެމްގެ ބޭނުންތެރިކަން މާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުން ކުރާ މުއާމަލާތްތަކުގެ އަދަދުންނާއި އޭޓީއެމް ބޭނުންކުރުމަށް ކޮންމެ ވަގުތަކު ކޮންމެ އޭޓީއެމް ސެންޓަރެއްގެ ކިޔުއަށް ބަލާލުމުން ވެސް ފެންނަ ކަމަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭޓީއެމްގެ ހިދުމަތް މިހާ ބޭނުންތެރި ހިދުމަތަކަށް ވެފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ހިދުމަތް ބޭނުންތެރި ހިދުމަތަކަށް ނުވާންވީ ސަބަބެއް ގަބޫލެއް ނުކުރެއްވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" މަޝްރޫޢު އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ފަށާފައިވާ މަޝްރޫޢުއެކެވެ.