Last Updated: August 15, 23:02
Friday, August 15, 2025
ޚަބަރު

އިޒްރޭލުގެ އިސްތިއުމާރީ ބާރު ފުޅާކުރުމުގެ ޕްލޭން ކުށްވެރިކޮށްފި

އިޒްރޭލުގެ އިސްތިއުމާރީ ބާރު ފުޅާކުރުމުގެ ޕްލޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދިފަހުން ވަނީ "ވިޝަން އޮފް ގްރޭޓާ އިޒްރޭލު"ގެ ނަމުގައި ޕްލޭނެއް އިއުލާންކޮށް، އެ ޕްލޭނަށް އަމަލުކުރަން ބޭނުންވާކަން ހާމަކޮށްފަ އެވެ. އެގޮތުް އިރާގުގެ ފުރާތު ކޯރުން ފެށިގެން މިސްރުގެ ނީލަ ކޯރާ ހަމައަށް އިޒްރޭލު ބޮޑުކޮށް ފުޅާކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލުން އިއުލާންކޮށްފައިވާ އެ ޕްލޭން ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިފަދަ ބަސްމަގު ހިމެނޭ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤު ނިގުޅައިގަންނަ ކަމެއް ކަމަށެވެ.

އަދި އިތުރަށް ގޯސްވަމުންދާ މި ހަނގުރާމައިގެ ތެރޭގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ފަލަސްތީނު ރައްޔިތުންގެ ވޭނަށް ނިމުމެއް ގެނައުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 61،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.