ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކާތިކް އާރިއަނާއި ސްރީލީލާގެ އަސަރު ގަދަ ލޯބގެ މިއުޒިކަލް ފިލްމު ބެލުންތެރިންނަށް ގެނެސްދިނުން ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލްތަކުގެ ތެރޭގައި މި ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ތާވަލުކޮށްފައި އޮތް ނަމަވެސް ބޮލީވުޑް ހަންގާމާ އިން މިއަދު ބުނީ ނަން އަދިވެސް ރަސްމީކޮށް އިއުލާން ނުކުރާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން މިހާރު ތާވަލުކޮށްފައި އޮތީ ޑިސެންބަރު މަހުގެ 25 ގައި ކަމަށެވެ.
ނަމަވެސް އަނޫރާގް ބާސޫ ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސްކުރާ، ޓީ ސީރީޒުން އެކަން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ. އަނޫރާގަކީ ދާދި ފަހުން ޓީ ސީރީޒާ ގުޅިގެން "މެޓްރޯ…އިން ދިނޯ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
އޭނަގެ އާ ފިލްމު ޑިސެންބަރު 25 އަށް ތާވަލުކުރި ވާހަކަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ތާރީހު، ކުރިން އެހެން ސްޓޫޑިއޯއަކުން ވެސް ނަގާފައިވާކަމެވެ. އެގޮތުން ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން އާލިއާ ބަޓާއި ޝަރްވާރީ ވާގްއާ އެކު ގެނެސްދޭން ހަމަޖެހިފައިވާ ސްޕައި ޔުނިވާސްގެ ބަތަލާއިން ލީޑްކުރާ ފުރަތަމަ ފިލްމު "އަލްފާ" ތާވަލުކޮށްފައި އޮތީ ޑިސެންބަރު 25 އަށެވެ.
އެ ތާރީހުގައި އެ ފިލްމު ގެނެސްދޭނެކަން އެ ސްޓޫޑިއޯ އިން އިއުލާންކުރީ މިދިޔަ އަހަރުގެ ޖުލައި 5 ގަ އެވެ.
ކާތިކްއާ އެކު އަނޫރާގް ގެނެސްދޭން އުޅޭ ފިލްމަކީ ވައިއާރްއެފުން ގެނެސްދީގެން، ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ "ސައްޔާރާ" ސްޓައިލްގެ ފިލްމެކެވެ. މިއީ އަނޫރާގާ އެކު ކާތިކް މަސައްކަތްކުރި ފުރަތަމަ ޕްރޮޖެކްޓެވެ. އަދި މިއީ ދެކުނު ބަތަލާ ސްރީލީލާ ބޮލީވުޑަށް ތައާރަފު ވާނެ ފިލްމު ވެސް މެ އެވެ.