މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ނުދޭން ބޭރުގެ ނުވަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގައި ހިމެނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ.
އެކަމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ހިމެނޭ ގޮތަށް ނުވަ ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ބުނީ މަރުގެ އަދަބު އެއްވެސް ހާލަތަކާ ގުޅިގެން ދިނުމަކީ އެ ޖަމިއްޔާތަކުން ދެކޮޅު ހަދާކަމެއް ކަމަށާއި މަރުގެ އަދަބު ދިނުމަށް ސަރުކާރާއި މަޖިލީހުން ވެސް ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
މަރުގެ އަދަބު ދިނުމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށާއި މަރުގެ އަދަބު ދޭން ހުކުމްކޮށްފައިވާ މީހުންގެ ހުކުމް ލުއިކޮށްދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.