Last Updated: August 24, 06:11
Sunday, August 24, 2025
ޚަބަރު

ލިވިން އެކްސްޕޯ ފަށައިފި

އިމާރާތްކުރުމާއި ގޭޔަށް ބޭނުންވާ ސާމާނުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި އާންމުން އެއްތަނަކަށް އެއްވެ މައުލޫމާތު ބަދަލުކުރުމުގެ ބޭނުމުގައި ބާއްވާ ލިވިން އެކްސްޕޯ މިއަދު ފަށައިފި އެވެ.

މި އެކްސްޕޯ ފައްޓަވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:30 އަށެވެ.

މި އެކްސްޕޯގައި އަވައްޓެރި ޤައުމުތަކުގެ އިތުރުން ރާއްޖޭގެ ހައުސިން ހިދުމަތް ފޯރުކޮށްދޭ ގިނަ ފަރާތްތަކުން ބައިވެރިވެ، އެފަރާތްތަކުގެ ޚިދުމަތްތަކާއި އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވެ އެވެ.

މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މައުލޫމާތު ހިއްސާކުރުމެވެ. އަދި ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނު މައުލޫމާތު ވެސް މި އެކްސްޕޯގައި ފޯރުކޮށްދޭނެ އެވެ.

މި އެކްސްޕޯ ބާއްވަން ފެށީ 2013 ގަ އެވެ. މިއީ 13 ވަނަ އެޑިޝަން އެވެ.