Last Updated: August 15, 23:02
Friday, August 15, 2025
ޚަބަރު

ސަރުކާރުގެ ޕްރޮޖެކްޓްތައް އަމިއްލަ ކުންފުނިތަކަށް ދޭން ގޮވާލައިފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

ސަރުކާރުގެ ޕްރޮޖެކްޓްތައް އަމިއްލަ ކުންފުނިތަކަށް ދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލު ނުކޮށް, ދައުލަތުގެ ކުންފުނިތަކަށް އެކަނި މަޝްރޫޢުތައް ހަވާލު ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާ ކަމަށެވެ.

އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި އަދި ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ ދަރަނިވެ، ބަނގުރޫޓުވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ މި ނާޒުކު ވަގުތުގައި މާލީ ޤާބިލުކަން ނެތް ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީގެ މަޝްރޫޢުތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބޭގޮތް ހަދާ، އާންމު ރައްޔިތުން މި ދަތި ހާލުން ސަލާމަތްކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ތަފާތު އެކި މަޝްރޫއުތައް ސަރުކާރުގެ އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފަ އެވެ.