Last Updated: July 10, 11:11
Friday, July 10, 2026
ޚަބަރު

މުލިއާގެއިން ބައެއް ތަކެތި ނީލަން ކިޔަނީ

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގޭގައި ހުރި ބައެއް ބާ ތަކެތި ނީލަން ކިޔަން އިއުލާންކޮށްފި އެވެ.

މުލިއާގެއިން ނެރެފައިވާ އިއުލާނެއްގައި ބުނީ، އެ ގޭގައި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔަން ބޭނުންވާ ކަމަށެވެ. އެގޮތުން އެގޭގައި ހުރި ދުވަސްވެ ބާވެފައިވާ ސައިކަލާއި، އޭސީ އާއި ޕިކަޕް އަދި އައިސްއަލަމާރި ފަދަ ތަކެތި ނީލަން ކިޔަން ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން ރަންޖެހިކޮށީގައި މިމަހުގެ 25 ވަނަ ދުވަހު ނީލަން ކިޔުން އޮންނާނެ އެވެ. ނީލަން ކިޔަން ހަމަޖެހިފައި ވަނީ އެދުވަހުގެ 11 ޖަހާއިރު އެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެ ކަމަށް އިއުލާނުގައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.