Last Updated: August 15, 23:02
Friday, August 15, 2025
ޚަބަރު

ވައްކަން އާންމުވެ، ގައުމީ ވަބާއަކަށް ވެއްޖެ: ޔާމީން

ޔާމީން ވާހަކަ ދައްކަވަނީ. ފޮޓޯ/ ޗެނެލް 13

ރާއްޖޭގައި ވައްކަން އާންމުވެ، ގައުމީ ވަބާއަކަށް ވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ވައްކަން ކުރުމަކީ އަދަބީ ރަނގަޅު ކަމަކަށް ނުވާތީ ކުޑައިރު ވައްކަމޭ ވެސް މީހުން ނުކިޔާނެ ކަމަށާއި އޭގެ ބަދަލުގައި ދައްކާނީ ސިއްރު ކަންތައްތައް ކުރާ ވާހަކަ ކަމަށެވެ. ނަމަވެސް މިއަދު އެ ސިއްރު ކަންތައް ސިއްރެއް ނޫން ކަމަށާއި މިއަދު ވައްކަމުގެ އަމަލުތައް ހިންގަނީ ރޯމާ ދުވާލު ކަމަށް ޔާމީން ވިދާޅުވި އެވެ.

"ވައްކަން މިއޮތީ އާންމުވެފައި. މިއޮތީ ގައުމީ ވަބާއަކަށް ވެފައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ވައްކަމުގެ އަމަލުތައް އެންމެ އިސް ފަރާތްތަކާއި ހަމައިން ހިންގާ ކަމަށާއި، އިސް ފަރާތްތަކަށް މިކަމުގެ ބަދުނާމުދާ ސަބަބަކީ އޭނާގެ އެންމެ އިތުބާރު އަދި ވަރުގަދަ މީހުން ވައްކަމުގެ އަމަލުތައް ހިންގާއިރު ވެސް މައްސަލަތައް ނުބަލާތީ ކަމަށެވެ. އެގޮތުން އެއްވެސް މީހެއްގެ ތަހުގީގެއް ނުހިނގާ ކަމަށާއި މައްސަލަތައް ހުންނަނީ މުއައްސަސާތަކުގައި ޕާކުކޮށްފައި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ މި ބޭބޭފުޅުންނަކަށް (ސަރުކާރު) ކޮރަޕްޝަންގެ ކަންތައް ހުއްޓުވުމާއި، މިއިން އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް ނުހުންނާނެ. މިއިން އެއްވެސް ކަމެއް ނުކުރެވޭނެ،" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ ކުރީ ސަރުކާރުތަކުން އެކި މީހުންނަށް ދީފައި ހުންނަ ތަންތަން މި ސަރުކާރުން އަނބުރާ ނަގަމުން ގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މަގާމުތަކަށް އާދެވުމަކީ މީހުންގެ ހައްގުތަކަށް އަރައިގަތުމަށް އޮންނަ ހައްގެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.