ދުނިޔޭގެ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އާ ސީޒަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް އާއި ބޯންމަތް އެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގައި 10 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެގޮތުން މާދަމާ ފަސް މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.
މި ހަފްތާގައި ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވެނީ އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރާ މެޗެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން މިރޭ ފަށާއިރު، ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގެނައުމުގެ މަސައްކަތް ޓީމުތަކުން އަދިވެސް އަންނަނީ ކުރަމުންނެވެ. ޓްރާންސްފާ މާކެޓު ބަންދުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.