Last Updated: August 17, 23:06
Sunday, August 17, 2025
ޚަބަރު

އަޅުގަނޑަކީ ދަރަނިވެރިއެއް، މުއްސަންޖެއް ނޫން: އުއްޗު

އޭނާ އަކީ އަދިވެސް ދަރަނިވެރިއެއް ކަމަށާއި މުއްސަންޖެއް ނޫން ކަމަށް، މަަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.

ޔޫޓިއުބް ޗެނަލް، "ދެނޯ" އަށް ދެއްވި އިންޓަވިއުއެއްގައި އުއްޗު ވިދާޅުވީ ރިސޯޓު ހެދުމަށާއި އެހެން ކަންކަން ކުރުމަށް ނަގާފައިވާ ބޭންކު ލޯނުތަކުގެ އަދަދު ގާތްގަނޑަކަށް 200 މިލިއަނަށް އަރާނެ ކަމަށާއި އޭނާ އަކީ އަދިވެސް ދަރަނިވެރިއެއް ކަމަށެވެ.

"އަޅުގަނޑަކީ މުއްސަންޖެއް ނޫނެއް ނުން. އަޅުގަނޑަކީ އަދިވެސް ދަރަނިވެރިއެކޭ،" ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި، ޗަމްޕާ ބްރަދާސްގެ ވެރިޔާ އުއްޗު ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ ލޯނު ނަގަން ބިރުގަނެގެން ނުވާނެ ކަމަށާއި "ލާރި ލިބޭނީ ލާރި ގޮސްގެން" ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް ލޯނުތައް ނަގަނީ ރައްޔިތުން ކަންކަމަށް އެދޭވަރު ބޮޑުވުމުން އަވަސް އަވަހަށް ކަންކަން ކުރުމުގެ ބޭނުމުގައި ކަމަށާއި ސަރުކާރުތަކަށް ލޯނު ނަގަންޖެހޭނީ ރައްޔިތުން ބޭނުންވާތީ ކަމަށްވެސް އުއްޗު ވިދާޅުވި އެވެ.

މީގެއިތުރުން ރަށަކަށް ވެރިޔަކު ވަޑައިގަންނަވާއިރަށް ބޭނުންވާ ކަންކަމަށް ރައްޔިތުން އެދޭ ކަމަށާއި ނަމަވެސް ވެރިޔަކަށް ހުންނަ މީހާއަށް ވެސް ބުނާ ވަގުތައް ބައެއް ކަންކަން ނުކޮށްދެވިދާނެކަން ރައްޔިތުން ހަނދާން ކުރަން ވާނެ ކަމަށްވެސް އުއްޗު ވިދާޅުވި އެވެ. އަދި ރައްޔިތުން ވެސް އެފަދަ ކަންކަމަށް ކެތްތެރިވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ހަމަ ނުވީމަ ހަޅޭފަޅޭޖަހަނީ ނޫންތޯ. އެހެން ނުވެވޭނެ، ކިތަންމެ މޮޅު މީހެއް އަޔަސް. އެ އަޅުގަނޑުމެން ޖެހޭނެ ވިސްނަން،" އޭނާ ވިދާޅުވި އެވެ.