ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ށ. ފުނަދޫ ކައުންސިލާއެކު މުހިންމު އެއްބަސްވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އެ އަތޮޅު ފަރުކޮޅު ހިމާޔަތްމޮށްފައިވާ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ރޭންޖަރުންނާއި ކޯޑިނޭޓަރުންނަށް ޚާއްސަ އައުޓްޕޯސްޓް ސްޓޭޝަންތައްކެއް ގާއިމުކުރަން ހަމަޖެހިފައިވެ އެވެ.
ފަރުކޮޅު ހިމާޔަތްކޮށްފައިވާ ސަރަހައްދަކީ ގުދުރަތީ ގޮތުން ވަރަށް މުއްސަނދި އަދި ނާޒުކު ތިމާވެއްޓެއް ހިމެނޭ ސަރަހައްދެކެވެ. މި ސަރަހައްދު ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަކީ ތިމާވެށީގެ ދިފާޢުގައި ކުރެވޭ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.
އެހެންވެ ފުނަދޫ ކައުންސިލާ އެކު ހެދި އެއްބަސްވުމުގެ ސަބަބުން، ފަރުކޮޅު ސަރަހައްދުގައި ގާއިމުކުރެވޭ އައުޓްޕޯސްޓް ސްޓޭޝަންތަކުން ރޭންޖަރުންނާއި ކޯޑިނޭޓަރުންނަށް އެ ސަރަހައްދު ގާތުން ބެލެހެއްޓުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ހިންގޭ ގަވާއިދާ ޚިލާފު އަމަލުތައް ހުއްޓުވައި، ދިރޭތަކެތީގެ ނިޒާމު ރައްކާތެރިކޮށް، ފަރުކޮޅުގެ ގުދުރަތީ ރީތިކަން އަންނަން ހުރި ޖީލުތަކަށް ދެމެހެއްޓޭނެ އެއެވެ. މީގެ އިތުރުން، ކައުންސިލްގެ ބައިވެރިވުމާއެކު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް ވެސް އެއްބަސްވުމުން ބާރު ލިބިގެން ދާނެ އެވެ.