މިއަދު ފާހަގަކުރާ އިންޑިއާގެ 79 ވަނަ ދުވަހާ ގުޅިގެން އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ވަތަނީ ފިލްމު "ބޯޑާ 2" ގެ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކޮށްފައިވާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ. "ބޯޑާ 2" ގެ ފުރަތަމަ ޕޯސްޓަރު މިއަދު ދައްކައިލި އިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ގާތުގަ އެވެ.
މި ފިލްމަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޖޭޕީ ދައްތާ 1997 ގައި ގައި ގެނެސްދިން ކާމިޔާބު ފިލްމު "ބޯޑާ" އާ ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. ނަމަވެސް ކުރީގެ ބައިގެ ކާސްޓުން، އާ ފިލްމުގައި ހިމެނޭ ހަމައެކަނި ތަރި އަކީ ސަނީ ޑިއޯލް އެވެ.
"ބޯޑާ 2" ގެ މައިގަނޑު ކާސްޓްގައި ދެން ހިމެނެނީ ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖްގެ އިތުރުން "ބޯޑާ" ގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ އެވެ. މިއިން ފެންނާނެ ބަތަލާއިންގެ ތެރޭގައި ސޯނަމް ބަޖްވާ، މޯނާ ސިންގްގެ އިތުރުން އަލަށް ތައާރަފުކުރާ މޭދާ ރާނާ ހިމެނެ އެވެ.
ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރު ޓީ ސީރީޒް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ "ބޯޑާ 2" ގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގް އެވެ. އޭނަ އަކީ އަކްޝޭ ކުމާރުގެ 2019 ގެ ހަނގުރާމަ ފިލްމު "ކޭސަރީ" ގެނެސްދިން ޑައިރެކްޓަރެވެ.