Last Updated: June 7, 09:21
Sunday, June 7, 2026
ޚަބަރު

އދ. ގެ ޓެކުހާ ބެހޭ ކޮމިޓީއަކަށް އަލަށް ދިވެއްސެއް

އދ. ގެ ކޮމިޓީ އޮފް އެކްސްޕާޓްސް އޮން އިންޓަނޭޝަނަލް ކޯޕަރޭޝަން އިން ޓެކްސް މެޓާސްގެ މެންބަރު ކަމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ޢައްޔަންކޮށްފި އެވެ.

އެ ކޮމިޓީގެ މެންބަރުކަމަށް ޢައްޔަންކޮށްފައި ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެސިސްޓަންޓް ކޮމިޝަނަ ޖެނެރަލް (ޓެކްނިކަލް އެންޑް ލީގަލް) މުޙައްމަދު އަލީ ވަހީދެވެ.

އޭނަ ޢައްޔަންކޮށްފައި ވަނީ އދ. ގެ ޓެކުހާ ބެހޭ މާހިރުންގެ ކޮމިޓީއަށެވެ. އެއީ 2025-2029 އަށެވެ.

މިކަމާ ގުޅިގެން ވަޙީދަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ވަޙީދަކީ ޓެކުހާ ގުޅުންހުރި މައްސަލަތަކަށް ފަރިދަ އަދި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ހައުމުތަކަށް ދިމާވާ ޓެކުހާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދައި، އދ. ގެ ޓެކުހާ ބެހޭ ކޮމިޓީގެ މަސައްކަތް ހަރުދަނާ ކުރުމަށް ބޭނުންވާ ހުނަރު ހުންނެވި ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

މިއީ މި ކޮމިޓީއަކަށް ދިވެއްސަކު ޢައްޔަންކުރެވިގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިކަމުން އަންގައި ދެނީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހީންނަށް ލީޑްކުރެވޭނެކަމާއި، އ.ދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ރާއްޖެއަށް ކުރާ އިތުބާރު ކަމަށެވެ.

ހަލީލު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އޮންނާނީ ދިވެހީންނަށް މިފަދަ ފުރުޞަތުތަކަށް އެއްބާރުލުންދީ މަގުފަހިކޮށް ދިނުމުގައި ސާބިތުވެ ކަމަށެވެ.