އިންޑިއާގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ "ޑިސްކޯ ޑާންސާ" ގެ ދެވަނަ ބައެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.
މީގެ 43 އަހަރު ކުރިން ގެނެސްދިން ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތާއިގެން ކުރިއަށް ދިއުމުގެ ފުރުސަތު ލިބުނީ އެ ފިލްމުގެ ރައިޓްސް އޮތީ ޝެމަރޫ އެންޓަޓައިންމަންޓަށް ކަމަށް ބުނެ އެ ސްޓޫޑިއޯ ފިލްމުގެ ޑައިރެކްޓަރު ބައްބަރު ސުބާޝް އަށް "ޑިސްކޯ ޑާންސާ" އަލުުން ނެހެދޭނެ ކަމަށް އެންގި މައްސަލައިގައި ކޯޓަށް ވެސް ގޮސްފައި ވަނިކޮށެވެ.
މީގެ ދެ އަހަރު ކުރިން ކޯޓަށް ހުށަހެޅި މައްސަލައިގައި ޑައިރެކްޓަރުގެ ކޮޅަށް ބޮމްބޭ ހައި ކޯޓުން މައްސަލަ ނިންމީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
އެހެންވެ ސުބާޝް މިހާރު ވަނީ "ޑިސްކޯ ޑާންސާ 2" ހަދަން އަތުކުރި އޮޅާލައިފަ އެވެ. މި ފިލްމު އުފެއްދުމުގައި އޭނައާ އެކު ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ނިތިން ކުމާރު ގުޕްތާ ބައިވެރި ވާނެ އެވެ. އެ މީހުން ވަނީ ފިލްމުގެ ސްކްރީންޕްލޭ ލިޔާނެ ބަޔަކު މީހަކު ވެސް ކަނޑައަޅައިފަ އެވެ. އެއީ "ބާހްބަލީ" އާއި "އާރްއާރްއާރް" އަދި "ބަޖްރަންގީ ބައިޖާން" ފަދަ ބޮޑެތި ބްލޮކްބަސްޓާތަކުގެ ސްކްރީން ރައިޓަރު ކޭވީ ވިޖަޔަންދުރަޕްރަސާދެވެ.
މީގެ އިތުރުން ފިލްމުގެ ލީޑަށް ނަގާނެ ދެ ތަރިއަކު ވެސް ޝޯޓްލިސްޓްކޮށްފައިވެ އެވެ. އެއީ ބޮލީވުޑްގެ މަޝްހޫރު ތަރި، ރަންބީރް ކަޕޫރާއި މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން އެވެ.
ސުބާޝް ބުނީ ފަހަރުގައި "ޑިސްކޯ ޑާންސާ 2" ވެސް ޑައިރެކްޓް ކުރާނީ އޭނަ ކަމަށެވެ. އެކަމަކު އެކަމާ ރަސްމީކޮށް ގޮތެއް ނިންމާނީ ލީޑް އެކްޓަރު ފައިނަލް ކުރުމަށް ފަހު ކަމަށް ބުންޏެވެ.
ޑިސެމްބަރު 17، 1982 ގައި ރިލީޒްކުރި "ޑިސްކޯ ޑާންސާ" އަކީ މިތުން އަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބުނު ފިލްމެކެވެ. އަދި އެ ފިލްމުގެ ލަވަތައް ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އިރު، ފިލްމަކީ މިތުން ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ދައްކުވައި ދިން ފިލްމެކެވެ.
ފާހަގަކޮށްލަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ "ޑިސްކޯ ޑާންސާ" އަކީ ބޮލީވުޑްގެ ފިލްމަކަށް އަލަށް ބޮކްސް އޮފީހުގައި 100 ކްރޯޑްގެ އާމްދަނީއެއް ހޯދުމުގެ ޝަރަފު ވެސް ލިބުނު ފިލްމުކަމެވެ.