މީހުންގެ އަބުރަށް އަރައިގަތުން ހުއްޓާލައި، އެފަދަ ކަންކަން އިސްލާހު ކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
ހުކުރު ޚުތުބާގެ މިއަދުގެ މައުޞޫއަކީ "އަބުރު ހިމާޔަތްކުރުން"އެވެ.
ހުކުރު ޚުތުބާގައި ބުނީ މިއަދުގެ ހާލަތަށް ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއްކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި އެގޮތުން ހައްޤަކާއި ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ހަރާމް ކަމެއް ކަމަށެވެ.
ނަމަވެސް މިއަދުގެ މުޖްތަމައުގައި އެންމެ އާންމުވަމުންދާ އެއް ފާފައަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި ތެދެއް ދޮގެއް ބެލުމެއްނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނާނެ ނަތީޖާއަކަށް ނުވިސްނާ ކަމަށް ހުތުބާގައި ބުންޏެވެ.
"ހަމައެކަނި ޒިންމާދާރުކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، އާއިލާތައް ރޫޅި މުޖްތަމައު ބައިބައިވުންގެ ސަބަބަކަށް އެކަންތައްތައްވެ." ހުތުބާގައި ބުންޏެވެ.
އިސްލާމްދީން ވަނީ އިންސާނާގެ އަބުރު ރައްކާތެރިކޮށްދެއްވައި ހިމާޔަތްކޮށްދެއްވާފައި ކަމަށާއި މީހުންގެ އައިބުތައް ހޯދައި އެ މީހުން ފަޞީހަތްކުރުން އިސްލާމްދީން ނަހީކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި މީހެއްގެ ކުށްތައް ވަންހަނާކޮށް އަބުރު ރައްކާތެރިކޮށްދޭ މީހާގެ ކުށްތައް މާތް ﷲ ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާކޮށްދެއްވާނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ވަނީ މީހެއްގެ އަބުރު ކަތިލެވިފައިވާނަމަ އެމީހެއްގެ ކިބައިން މައާފަށް އެދި ހިތްހަލާލު ހޯދުމަށާއި އަދި ފާޅުގައި އެންމެހައި މީސްތަކުންނަށް ފެންނަ ގޮތައް ނުވަތަ މީހެއްގެ އަބުރައް އަރައިގަނެވިފައިވާނަމަ ފައުޅުގައި އެކަމަށް މާފަށް އެދި އެކަން އިސްލާހުކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ސިއްރިއްޔާތުގައި މިފަދަ ކަމެއް ކުރެވިފައިވާ ނަމަވެސް މަޢާފައް އެދި ތައުބާވެ، ވަގުތު ފާއިތުވުމުގެ ކުރީން މާތްﷲގެ މަގަށް ރުޖޫއަވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.