Last Updated: August 15, 23:23
Friday, August 15, 2025
ޚަބަރު

ރާއްޖެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެއްޖެ

ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. އެސް. ޖައިޝަންކަރް އަށް ފޮނުއްވި މެސެޖެއްގައި ހަލީލު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާއި، ދާދިފަހުން ދެޤައުމުގެ ދެމެދުގައި ހިނގާފައިވާ އިސް ފެންވަރުގެ ބައްދަލުވުންތަކުން ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެ، ކުރިއަރަމުންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ހަލީލު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ ދާދިފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއިރު، އެ ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.