Last Updated: August 17, 23:06
Sunday, August 17, 2025
ޚަބަރު

ވޭޕް އެތެރެކޮށްގެން ޝަހީމްގެ ދަރިފުޅު ޖޫރިމަނާކޮށްފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ރާއްޖެއަށް ވައިގެ މަގުން، ވަގަށް ވޭޕް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ހިފަހައްޓައި ޖޫރިމަނާކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެލޭޝިއާ އިން ރާއްޖެ އައި އެ ދެ މީހަކު ރޭ ކަސްޓަމްސް އިން ހިފެހެއްޓިއިރު، އޭގެތެރެއިން އެކަކަކީ ޝަހީމްގެ ދަރިފުޅު މާހިލް އެވެ. އެގޮތުން މާހިލް އާއި ދެން ހުރި މީހާ ގިނަ އަދަދެއްގެ ވޭޕް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބެ އެވެ.

އެ ދެ މީހުން ޖޫރިމަނަކުރި އަދަދެއް އަދި މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ކަސްޓަމްސް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މާހިލް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެކެވެ.

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިރު، އެތެރެކުރި ކޮންމެ އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.