ޒުވާން ޑައިރެކްޓަރު އަޒްހާން ހިބްރާހީމްގެ ދެވަނަ ފީޗާ ފިލްމު "ލިލީ" މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަން ނިންމައި، ފިލްމުގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަޒްހާން ލިޔެ، ޑައިރެކްޓްކޮށް ކްރިއޭޓިވް ނެޓްވޯކުން ގެނެސްދޭ މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 20 ގަ އެވެ.
ޒުވާން އަންހެނެއްގެ ހަޔާތަށް ދިމާވާ ހާދިސާތަކަކާ ގުޅިގެން އޭނަ އިންސާފު ހޯދަން ކުރާ މަސައްކަތް ދައްކުވައި ދޭނެ "ލިލީ" ގެ ޓައިޓްލް ރޯލުން ފެންނާނީ އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ އެވެ. މީގެ މައިގަނޑު އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާރިފާއި އަހުމަދު ޝާރިފާއި މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ ހިމެނެ އެވެ.
"ލިލީ" ބެލުންތެރިންނަށް ގެނެސްދޭ ތާރީހު މިއަދު އިއުލާންކުރި އިރު، މި ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މި ފަހުން އެންމެ ބޮޑަށް ޓްރެންޑްވެގެން ދިޔަ ކަމަކަށްވީ ތާޒާ ލިލީމާތެއް ބެހުމުގެ ފޯރިގަނޑެކެވެ.
ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމުގެ ޑައިރެކްޓަރުގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.