ޣީބަ އަކީ ބޮޑު ފާފައެކެވެ. އެއީ މުސްލިމުން ދުރުހެލިވާން ޖެހޭ ކަމެކެވެ. މުޖްތަމަޢުތަކުގެ ތެރޭގައި ފެތުރިފައިވާ އިޖްތިމާޢީ ބައްޔެކެވެ. އެތައް ބަޔަކު އެ ބަލީގެ ޝިކާރައަކަށްވެފައިވާ، އެތައް ފިތުނަތަކަކަށް މަގުފަހިވާ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދައި ކުދިކުދިކޮށްލާ ބައްޔެކެވެ.
ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޣީބަ ބުނުމަކީ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި މިއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްލާމް ދީނުގައި ޣީބަބުނުން ނަހީކުރައްވައިފައި ވަނީ އެކަމުގެ ސަބަބުން އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ކެނޑި، އެކަކު އަނެކަކާ ދޭތެރޭ ވާ ރަޙްމާއި، ކުލުނާއި، ލޯތްބާއި އިޙްތިރާމް ގެއްލި، ރުޅިވެރިކަމާއި ނަފްރަތު އުފެދި ދެކޮޅުވެރިކަން ފެތުރިގެން ހިނގައިދާނެތީ އެވެ.
މިކަމުގެ ނުރައްކާތެރިކަން ކީރިތި ޤުރުއާނުގައި ބަޔާންވެފައި ވަނީ ވަރަށް މަތިވެރި މިސާލަކުންނެވެ. އާދެ މަރުވެފައިވާ އަޚާގެ މުޅަމަސް ކެއުން ފަދަ ކަމެއްގެ ގޮތުގައެވެ. ކީރިތި ﷲ ވަޙީކުރައްވާފައިވެ އެވެ. وَلاَ يَغْتَب بَّعْضُكُم بَّعْضًاأَيُحِبُّ أَحَدُكُمْ أَنْ يَأْ كُلَ لَحْمَ أَخِيهِ مَيتًا فَكَرِهْتُمُوهُ – الحجرات:الآية 12 “….އަދި އެއްބައަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭ ހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. (ޣީބަ ބުނުމަކީ ހަމަ އެފަދަ ކަމެކެވެ.)”
ޣީބަ ބުނާ އަޑު އިވިއްޖެ ނަމަ ކަންތައް ކުރާނެ ގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެ ވެ. “مَنْ ذَبَّ عَنْ عِرْضِ أَخِيهِ بِالْغِيبَةِ, كَانَ حَقًا عَلَي اللهِ أَنْ يُعْتِقَهُ مِنَ النَّارِ” – رواه أحمد, صحيح الجامع 6240- “އަޙަކު ނެތް ތަނެއްގައި އޭނާގެ އަޙާގެ އަބުރު ދިފާޢުކޮށް ދީފި ނަމަ، އޭނާ އަލިފާނުން ސަލާމަތްކޮށް ދެއްވުން މާތް ﷲގެ މައްޗަށް ޙައްޤުވެގެންވެ އެވެ.”
ނޯޓް: މިއީ ޝައިޚް މުޙައްމަދު ޝާފިޢުގެ ލިޔުއްވުމެކެވެ.