އައްޑު އަށް އަލަށް ޒިޔާރަތް ކުރާ މީހެއްގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައި ގަންނާނީ ގަން އެއާޕޯޓުގެ ޓާމިނަލުގައި ބޮޑުކޮށް އަޅާ ފައިވާ "ގަން އިންޓަނެޝަނަލް އެއާޕޯޓް" ގެ ނަން ބޯޑެވެ.
ދެން ފެންނާނީ އިނގިރޭސިން ދެވަނަ ބޮޑު ހަގުރާމައިގެ ދުވަސްވަރު ބިނާ ކުރި ގަމެވެ. ވީރާނާވަމުންދާ އިމާރާތްތަކެވެ. އެއް ބައެއްގެ މޫނު މަތިން އުއްމީދުތަކެއް ފެނުނަސް ގިނަ މީހުންގެ މޫނު މަތިން ފެންނަނީ މާޔޫސްކަމެވެ. ގަމުގެ ބައެއް އިމާރާތްތަކުން ފެންނަ ފަދަ ވީރާނާ ކަމެވެ.
ނަަމަވެސް އައްޑޫ ރައްޔިތުން އަބަދުވެސް ކުރާ އުންމީދަކީ ގަމުގައި އިނގިރޭސީން އުޅުނު ފަދަ ތިޔާގި ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ދުވަހެއް ދުށުމަށެވެ.
ކުރިން ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރި، ގަން އެއާޕޯޓު އަނެއްކާ ވެސް ތަރައްޤީކުރުމުގެ ވާހަކަ މާ ގަދަވެއްޖެ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިން މި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ފަށަން ކުޑަތަން ވަމުން އަންނަ އިރު އެދިމާލަށް އެންމެންގެ ލޯ ވަނީ އަމާޒުވެފައިއެވެ. މި ފަހަރުގެ ޕްލޭންގައި ރަންވޭ އަށް ބައެއް އިތުރުކޮށް ރަންވޭ ދިގުކުރުމަށް ވަނީ ނިންމާފައިއެވެ. އަދި އެންމެ ޒަމާނީ ފެންވަރުގެ މެޝިނަރީޒް އާއި އެކު އެއާޕޯޓް ތަރައްޤީ ކުރާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އިސްވެރިން ދަނީ ބުނަމުންނެވެ.
އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ވަޒީފާގެ މައްސަލަ އެވެ. ކިޔަވައިގެން ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނެތުމުން، ތަފާތު މައްސަލަތައް ދަނީ ނުކުންނަމުންނެވެ. މިކަން ހައްލު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފަ އެވެ. ތަފާތު ވަޒީފާ އުފެދޭނެ މަޝްރޫއު ވަނީ ހިންގަން ޖެހިފަ އެވެ. އެހެންވެ މި ހުރިހާ ކަމެއް ވެސް ގުޅިފައި ވަނީ ގަމުގެ އެއާޕޯޓާ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރާ އިރު، ޓޫރިޒަމްގެ މާކެޓް ފުޅާކުރެވޭނެ ގިނަ ގޮތްތަކެއް ވަނީ ރާވަންޖެހިފަ އެވެ. ފުވައްމުލަކުގައި ހަދަން ބުނި ސިޓީ ހޮޓަލަށާއި ހަންކެޑާއި ހެރެތެރެ އަދި މީދޫ އިސްމެހެލާ ހެރަ ތަރައްޤީކޮށް ގިނަ ބަޔަކު އެ ސަރަހައްދަށް ގެންދެވޭނެ ގޮތްތަކެއް ވަނީ ބަލަންޖެހިފަ އެވެ.
މި ސަރަހައްދުތައް ބޮޑަށް އަމާޒުކުރަން ޖެހެނީ މެދުފަންތީގެ ޓޫރިޒަމަށެވެ. ނަމަވެސް މިކަން ކަން އަދިވެސް ފެށޭ ގޮތެއް ނުވެއެވެ. ހަންކެޑެ ޕްރޮޖެކްޓް ވެސް އަދިވެސް ފަށާނެ ރަސްމީ ތާރީހެއް ނޭގެއެވެ. ހެރަތެރަ ވަނީ ހިންގާނެ ފަރާތެއް ނުލިބިފަ އެވެ. އިސްމެހެލާހެރަ ތަރައްޤީ ކުރުމުގެ ވާހަކަ އަކީ ބިލާހެކެވެ.
ދާދި ފަހުން ސާކް ސަމިޓަށް އައްޑޫގައި ބިނާކުރި ކޮންވެންޝަން ސެންޓަރަކީ ވެސް އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިމާރާތެކެވެ. ކޮންވެންޝަން ހޮޓަލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ތަފަތު ފަހަރުމަތިން މަސައްކަތް ކޮށް ކާމިޔާބު ނުވެ ހުރި ތަނެކެވެ. މި ސެންޓަރާއި މި ސެންޓަރުގެ ވަށައިގެންވާ "ހައްދޫ" އަކީ ކުރީގެ ސަރުކާރުން ޓޫރިޒަމަށް އަމާޒުކޮށް "ފަޅު" ކޮށްފައިވާ ތަނެކެވެ.
ދެން އޮތީ ހިތަދޫ ނިމޭކޮޅުގައި އޮންނަ ކޯއްޓޭއެވެ. އެތަނަކީ ވެސް ތަފާތު ކޮންސެޕްޓަކަށް ހޮޓަލެއް އެޅުމަށް ވަރަށް ހިތްގައިމު ސަރަހައްދެކެވެ. އިކުއޭޓަރ އޭގެ ގޮތުގައި ހިގަހިގައި އެބައޮތެވެ. ދެން އޮތީ ގަމުގެ ދޫގަހެވެ. ދޫގަސް ވެސް މިހާރު ވަނީ މަރާމާތުކޮށް ހޮޓަލެއް ހިންގޭ ފެންވަރަށް ތަރައްޤީ ކޮށްފައިއެވެ.
މިވަގުތު ކިރިއާވެސް ހިގަ ހިގައި އޮތީ ޝަންގްރިއްލާ ރިސޯޓެވެ. ނަމަވެސް މިތަނުގެ ކުރިމަގާއި ވެސް ގުޅިފައިވަނީ ގަމުގެ އެއާޕޯޓާއިއެވެ ގަމުގެ އެއާޕޯޓް ތަރައްޤީ ކުރެވި ހިގަން ފެށުމާއި މިތަންތަން ވެސް ހިނގައި ގަންނާނެ އެވެ.
ދެން އޮތީ ހިތަދޫގެ ސަރަހައްދީ ބަނދަރެވެ. ހުޅުވި ފަހުން މިހާތަނަށް އެންމެ ކާމިޔާބު ކަމާއި އެކު ހިންގިފައިވާ ތަނަކީ މި ބަނދަރެވެ. ބަނދަރާ ގުޅިފައިވާ ލިންކު ރޯޑު ގެ ސަބަބުން މި ތަނަކީ އަދިވެސް އައްޑޫގެ ރައްޔިތުންނަށް އިތުރަށް ނަފާގެނެވިދާނެ ތަނެކެވެ. މީ އެތައް ބައެއްގެ ވަޒީފާއާ ގުޅިފައިވާ ބަނދަރެކެވެ.
އައްޑޫގެ އަންހެންވެރިންނަށް ނަފާ ލިބޭ ގޮތަށް ކޫއްޑޫ މޯލްޑިވްސް އިން ގާއިމް ކުރަން ނިންމި މަސް ބަންދުކުރާ ކާރުހާނާގެ މަސައްކަތް ހިގައިގަންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައިއެވެ. ގއ. ވިލިގިލީ ރައްޔިތުންގެ ދެކޮޅު ހެދުމާއި އެކު ހުއްޓިފައިވާ މި ޕްރޮޖެކްޓަކީ ވެސް އައްޑޫގެ އުއްމީދެކެވެ، ދެން އޮތީ މިކަން ކުރާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ.
2013 އިގެ ރިއާސީ އިންތިހާބް ބޯމަތިވަމުން އަންނަ އިރު ތަފާތު ކުލަތަކުން އެންމެ ވިދާލާނީ އައްޑޫއެވެ. އެންމެ ފޮނި ހުވަފެންތައް ދައްކާނީވެސް އައްޑޫއަށެވެ. ރާއްޖޭގެ ރިއާސީ އިންތިހާބްގައި އެންމެ ކުރީ ސަފުގައި ވެސް ތިބޭނީ އައްޑޫ މީހުންނެވެ. މިހާރުވެސް އިވޭ އަޑުތަކަށް ބަލާއިރު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރަނިން މޭޓަކަށް ވާނީ އައްޑޫ މީހެކެވެ. ޑރ. ހަސަން ސައީދުވެސް ކޮންމެވެސް އެއް ޕާޓީއަކުން ރައީސް ކަމަށް ވާދަކޮށްފާނެއެވެ.
ކޮންމެ ގޮތެއް ވިއަސް ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ ހިސާބުގައި އައްޑޫ މީހުން އެބަތިއްބެވެ. ނަމަވެސް އަދި މިހާތަކަށް އައްޑޫމީހުން އެންމެ ބޭނުންވި ތަރައްޤީއެއް ނުލިބެއެވެ.
އެހެންވެ އައްޑޫ ރައްޔިތުން މިހާރު ދެކެމުންދާ ހުވަފެނަކީ 2013 އިގެ ރިޔާސީ އިންތިހާބުގެ ކުރިން ގަމުގެ ވައިގެ ބަނދަރުގެ ތަރައްޤީގެ މަސައްކަތް ފެށި އެކަން ކާމިޔާބުކަމާއި އެކު ނިމުމެވެ.
މިކަމަށް ހުރަސް އަޅާ ހުރިހާ ފަރާތަކަށް އައްޑޫގެ ލޯ ވަނީ އަމާޒުވެފަ އެވެ. އެ ފަރާތަކަށް އައްޑޫގެ ޖަވާބަކީ "ނޫނެކެވެ."