Last Updated: August 17, 23:06
Sunday, August 17, 2025
ޚަބަރު

އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވައިފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް މާލޭގައި މިއަދު ބޮޑު އެއްވުމެއް ބާއްވައިފި އެވެ.

މާފަންނު ސްޓޭޑިއަމްގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި ވަނީ ގާޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި، ގާޒާއަށް އެހީ ވެއްދުމަށް އިޒްރޭލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައި ތަފާތު އެކި ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.

މި ހަރަކާތުގައި ދައުލަތުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެކި އުމުރުފުރާތަކުގެ ދިވެހިން ބައިވެރިވެފައިވެ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 61،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 9،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.